މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު މިއަދު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ.
އެހެން އެކަން ހިނގަނިކޮށް، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ ޒަޔާން މިއަދު ފިނޭންސް މިނިސްޓްރީއަށް އޭނާގެ އިސްތިއުފާ ހުށަހެޅިކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އެކަމަކު، އޭނާ ވަނީ މޭ 15 އާ ހަމައަށް ނޯޓިސް ދީފައެވެ.
އިގްތިސާދީ ދާއިރާގެ ތަޖުރިބާ ކާރެއް ކަމުގައިވާ, ޒަޔާނަކީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިވިޜަންގެ ހެޑެވެ.
މި ކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.
އެކަމަކު، 'ސަން'އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަންނަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަނެއްހާ ރުފިޔާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އިއްޔެ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.
"ރައީސް ވިދާޅުވީ، އެއީ ފައިސާ ޗާޕުކުރުމެއް ނޫނޭ،" ޕީއެންސީގެ މެންބަރަކު ވިދާޅުވިއެވެ.
އެކަމަކު، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ.
'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދާށެވެ.
ފައިސާ ޗާޕުކުރަން އުޅޭކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރޭތާ ދުވަސްކޮޅެއްވެފައިވާއިރު، އެ ކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަރުކަޒީ ބޭންކުން ވެސް މިހާތަނަށް އެ ކަމާ ގުޅުވައި އެއްވެސް އެއްޗެއް ނުބުނެއެވެ.
ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.
ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ ޚަރަދުކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރުމަށް ފަހު، 7.7 ބިލިއަން ރުފިޔާ ޚަރަދުން ސަލާމަތްކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.
އެކަމަކު، ދަރަނި ބޮޑުވެ، ޚަރަދު ކުޑަނުކުރެވޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.
އެ ގޮތުން، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އެތައް ފައިސާއެއް ވެސް ނުދެވި އެބަހުއްޓެވެ. ބޭރުގެ މާލީ އިދާރާތަކުން ސަރުކާރުގެ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބުނެ އިންޒާރު ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.
މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ.
އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.