މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 14 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމައިފައިވާ ކަމުގެ ވާހަކަތަކެއް އާންމުވުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
'އަދަދު' ނޫހުން މިއަދުވަނީ، 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕު ކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމައިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އަދަދަކުން ފައިސާ ޗާޕު ކުރުމަށް މި ސަރުކާރުން ސިއްރިއްޔާތުގައި ނިންމައިފައިވާ ކަމަށް ބުނެފައެވެ.
އެ ވާހަކަތަކާ ގުޅޭ ގޮތުން އެމްއެމްއޭއިން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައިނުވެއެވެ.
ފައިސާ ޗާޕު ކުރުމަށް އިޝާރާތް ކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އެމްއެމްއޭއިން އުޅެނީ އެ ފައިސާއިން ބިން ގަނެ، އެ ތަނުގައި ފައިނޭންޝަލް ސެންޓަރެއް ބިނާކުރަން ކަމަށެވެ. ނަމަވެސް މަރުކަޒީ ބޭންކުން އެފަދަ ކަމެއް ކުރުމަކީ އާންމު އުސޫލާ ޚިލާފު ކަމަކަށްވުމުގެ އިތުރަށް، ބަޖެޓް ޑެފިސިޓާއި ދަރަނި ކުޑަކުރުމަށް ސަރުކާރުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ވައުދުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަށް ކަމަށް ބުނެ އެމްއެމްއޭއިން އެ ނިންމުން ނިންމައިފައިވާއިރު، ހަގީގީ މަގުސަދަކީ ހަމަ ފައިސާ ޗާޕު ކުރުން ކަމަށެވެ.
"އިތުރު 14 ބިލިއަން ރުފިޔާ ސާކިއުލޭޝަނަށް ނެރުމަކީ، 24 ރުފިޔާއަށް ޑޮލަރު ރޭޓު އަރައިގެންދާނެ ކަމެއް. ތަކެތީގެ އަގު ބޮޑުވާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.
އެހެންވެ، ސަރުކާރުން އެ ނިންމުން ބަދަލުކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ލަފާދީފައިވާ ގޮތަށް ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނަޝީދު 2008ގައި ވެރިކަމަށް ވަޑައިގެންނެވިއިރު ޑޮލަރު ރޭޓު ހުރީ 12.85ގަ އެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި އަގު އުފުލުމުން ރޭޓު ވަނީ 10.28 ރުފިޔާއާއި 15.42 ރުފިޔާއާ ދެމެދުގެ އަގަކަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ޑޮލަރުގެ އަގު ހުންނަނީ 15.42ގައި ހިފެހެއްޓިފައެވެ.
އެ ބަދަލު ނަޝީދު ގެންނެވީ ވެސް އެމްއެމްއޭއިން ދިން ލަފަޔާ ޚިލާފަށެވެ. ފާއިތުވި އަހަރުތަކުގައި އެ މަނިކުފާނު ވަނީ ޑޮލަރުގެ ރޭޓު ވަކި އަދަދެއްގައި ބެހެއްޓުމުގެ ބަދަލުގައި މާކެޓަށް ބަލައި ރޭޓަށް ބަދަލު އަންނަ ގޮތަށް 'ފްލޯޓިން އެކްސްޗޭންޖް' ނިޒާމެއް ގެނައުމަށް ގޮވާލައްވައިފައެވެ.
ޑޮލަރެއްގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށްވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށް ވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެހެންނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އިންފްލޭޝަން އަންނަނީ މަތިވަމުންނެވެ.
މީގެ އިތުރުން ރައީސްގެ އެންމެ މުހިންމު އެއް ވައުދަކީ ފައިސާ ޗާޕު ނުކުރުމެވެ. އަދި ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރިކަން ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެ، ޗާޕު ކުރަމުން ދިޔަ ނަމަ ޑޮލަރު ރޭޓު 20 ރުފިޔާއިން މައްޗަށް ދާނެ ކަން ވެސް ރައީސް މީގެ ކުރިން ފާޅުކުރައްވައިފައިވެއެވެ.
މި އަހަރާއި އަންނަ އަހަރު ވެސް ބޮޑު އަދަދުތަކުން ދައުލަތުން ދަރަނި ދައްކަން ޖެހޭއިރު، އިގުތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މިދިޔަ އަހަރާއި މި އަހަރު ވެސް ފާހަގަކުރިއެވެ.
އޭގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށް، އިންވެސްޓަރުންގެ އިތުބާރު ދަށްވަމުން އަންނަ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ. މާލީ އިދާރާތަކުން ތަކުރާރުކޮށް ދޭ ލަފައަކީ ޚަރަދުތައް ކުޑަކުރުން އަވަސް ކުރުމެވެ.
މި ސަރުކާރުން ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
comment ނުކިޔަވާ މީހާ
1 month 7 day ago
ޑިވެހި ރުފިޔާ އަކީ ޓޯކަން އެއް ޑޮލަރަކަށް އެއް ރުފިޔާވެސް ނިސްބަތްކުރެވިދާނެ !!! ބޮލި، މަދޮށި ވެސް އޯކޭވާނެ !!! ޑޮލަރު ރިސެމްބަލް ކުރަން!!!
comment މުހައްމަދު
1 month 7 day ago
މީ މިހާރު ބޭކާރު މީހެއް. ތާކުންތާކު ޖެހޭ މީހެއް ނޫން. އަބަދުވެސް ބޭކާރު އަނގަތަޅައިގެން މީހުންގެ ސަމާލުކަން ހޯދަން އުޅޭ މޮޔައެއްފަދަ މީހެއް
comment ދސ
1 month 7 day ago
ކަލޭ ނޫން އެހެން ވެރިޔެއް އެ އިރު ވެރިކަމުގައި ހުރިނަމަ މިއަދު ޑޮލަރުގެ ރޭޓް މަތި ނުވީސް. ދެންވެސް އަގަނާރުވާ ހުރޭ.
comment އިގްތިސާދު ފުނޑާލީ އެމްޑީޕީ
1 month 7 day ago
އިގްތިސާދު ފުނޑާލީ އެމްޑީޕީ، ސޯލިހު އާއި އަމީރު
comment މުނާ
1 month 1 week ago
ޓޫރިސްޓް ވިޔަފާރީތަކުން ބޭންކުރޭޓުން ޑޮލަރު މާރުކުރުމަށް ގާނޫނެއް ފާސްކުރީމާ ޑޮލަރުގެ އަގުތިރިވާނޭކަމަށް ވަރަށް އުންމީދުގައި މިތިބީ. މިވަނީ ކިހިނެތް. ފައިސާ ޗާޕުކުރަންޖެހޭ މައިގަނޑު ސަބަބަކީ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުވީމާ. އެހެންވީމާ ފުރަތަމަވެސް ކުރަންވީކަމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަންވީ. މިއީ ގްރޭޑް 5ގެ ދަރިވަރަކަށްވެސް މިހާރު އެނގޭކަމެއް.
comment ޞދު
1 month 1 week ago
މަސަރުކާރުން މިދައްކަން ޖެހޭ ދަރައްޏަކީ ހަމަ މިވެރިކަމުގެ ދޯހަޅިކަމުން ދައްކަން ޖެހޭ ދަރައްޏެއްތޯ؟..ކުންފުނިތަކަށް ވެފަހުރިގޮތާއި މިސަރުކާރުއައި އިރު ކުންފުނިތަކުގެ ދަރިހުރިވަރާއި ގައުމުގެ ހާލަތާއި ކުރީސަރުކާރުން ނަގައިފައިވާ ލޯނުތަކާއި ވެގެން އުޅޭގޮތް ޢާންމު ރައްޔަތުންނަށް އޮޅުން ފިލުވައި ދިނުމަށް ރަގަޅު އާޓިކަލްއެއް ވަކިއަތަކަށް ބުރަނުވެ ނޫސްވެރިން ލިއެދެއްވުން ކީއްތޯ
reply ހޮޅިބެ
1 month 7 day ago
މި ސަރުކާރުން ކިތައް ތަނުންކިތައް ލޯނު ނަގައިފިކަން އެގޭތަ؟
reply ނިއު
1 month 7 day ago
ކުރީ ސަރުކާރު ކާޑު އަބަދަކު ނުކުޅެވޭނެ.
comment ފަވާ
1 month 1 week ago
އިކޮނޮމިކުސް މާއްދާ ކިޔަވަމުން އެކުސްޕެރިމެންޓު ކުރާ ބީދާއިން ސަރުކާރު ހިނގަމުން ދަންޏާ ލައްކަ ލަގާލިބޭނެ ރައްޔިތުންނަށް.
comment ސިފް
1 month 1 week ago
ޑޮލަރު މާރުކުރުވަންވެށީ އަތުގަ ދިވެހި ރުފިޔާ އެވަރަށް ހުރިތޯ ނުބަލާކަން މިހާރު ފަޅާމިއަރަނީ.