ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އިސްލާހު ގެނައުމާ ގުޅިގެން އިދިކޮޅު ސިޔާސީ އިސް ލީޑަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ.
މާލިއްޔަތު ކޮމިޓީން ގެނައި މި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށް ޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
އަދި މިފަދަ އަމަލެއް ހިންގައިފި ނަމަ -/25،000 (ފަންސަވީސް ހާސް) ރުފިޔާއާއި -/500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެއް ހަދަން އުޅެނީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ޑޮލަރު ތާށިވުމުން ކަމަށެވެ.
އަދި އެ ވާހަކަތައް ދިވެހިން ދައްކާނެ ކަމަށާއި، ނޫސްތަކުން ވެސް ލިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށާއި، މި ސަރުކާރުން ރާއްޖެ ނޯތު ކޮރެއާގެ ހާލަތަށް ވައްޓާލައިފި ކަމަށް ވިދާޅުވެ، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެކްސްގައި މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައިސަލް ވިދާޅުވީ މުޖުތަމައުގައި ހިނގާ ބޮޑެތި ކުށްތަކާއި، ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ރިޝްވަތާއި، ފަސާދައިގެ އަމަލުތައް އަދި ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްގެއް ކަމަށެވެ.
އަދި ސަރުކާރުގެ ނާގާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން، އެކަންކަން އެނގުމަކީ ވެސް ރައްޔިތުންނަށް އޮތް ހައްގެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 27، 28، އަދި 29 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ޙައްގުތަކެއްކަން ފާހަގަކުރައްވަމުން، މި ހައްގުތައް ނިގުޅައިގަތުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން ފައިސަލް ވިދާޅުވީ، ދުސްތޫރުގެ ހުރުމަތަށް ވެސް ނުބަލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުފޫޒުގެ ދަށުގައި ބައިތިއްބައިގެން ޑިމޮކްރެޓިކް އަސާސްތައް ނެތިކޮށްލުމަށް ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ސަރުކާރުގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތުމުން ކޮންމެ ބިލެއް ފާސްކުރިޔަސް، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރާމެދު ވިސްނަންޖެހޭ. މިއިން ފެންނަނީ ޤައުމުވަންތަކަން ހަލާކުވެ ފުނޑުފުނޑުވަމުންދާ މަންޒަރު. ވެރިކަމުގެ ދިފާއުގައި ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މިއިން މި ހާމަވަނީ،" ފައިސަލް ވިދާޅުވިއެވެ.
މި ބިލާ ގުޅިގެން އިދިކޮޅު އެހެން ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ މީޑިއާތަކުގެ އަނގަބަންދުކޮށް ހަގީގަތް ފޮރުވުމަށް ކުރާ ކަމެއް ކަމަށް ބުނަމުންނެވެ.