ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ބިން ސަރުކާރަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް ތާއީދުކޮށް، އެ މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަށް ސޮއި ހޯދަން ސަރުކާރުން މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފިއެވެ.
ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި އޮތީ، މިހާރު ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ރަށްރަށުގެ ބިމާއި ފަޅާއި ފަރު ފަދަ ތަންތަން ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ނަމަ ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެނެވޭނެ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.
އެ ބިލާ އެއްކޮޅަށް ވެސް އަދި ބިލާ ދެކޮޅަށް ވެސް ގިނަ ބަޔެއްގެ ސޮޔާއެކު މަޖިލީހަށް ވަނީ ޕެޓިޝަންތަކެއް ހުށަހަޅައިފައެވެ.
އޭގެ ތެރެއިން ބިލު އޮތް ގޮތަށް ފާސްކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަނަށް މިހާތަނަށް 7،811 ސޮއި ލިބިފައިވާއިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، އެ ޕެޓިޝަނަށް ސޮއި ހަމަކުރަނީ ސަރުކާރު މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.
އެ ތުހުމަތުތަކަށް ބާރު ދެއްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރަށް ތާއިދު ކުރާ މީހުން ކަމަށް ބުނާ ބަޔަކު ހުށަހަޅައިފައިވާ ޕެޓިޝަނަށް ސޮއި ހޯދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޕެޓިޝަނުގައި ސޮއިކުރަން މަޖުބޫރުކޮށް، ރަށްރަށުގެ އެސްއޯއީ އޮފީސްތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"ކަމެއްގެ ތާއީދު އޮތްކަން ދައްކަން ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހަމަ ކުރުމުގެ ބޮޑު ގެއްލުން އޮތީ ހަމަ ސަރުކާރަށް، އެ ގެއްލުމަކީ ރައްޔިތުންގެ ތާއީދު ހުރި ނެތް މިންވަރު ޚުދު ސަރުކާރަށް ވެސް އޮޅުން،" ނަޝީދު ލިޔުއްވާފައިވެއެވެ.
އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ބިލު ފާސްކޮށްފި ނަމަ، އާންމުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭނެ ކަމަށެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދުގައިވަނީ، ޕެޓިޝަނަކަށް 2،100 ސޮއި، ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން އެ ޕެޓިޝަން ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވައިލަން ވާނެ ކަމަށެވެ. އަދި ބިމާ ގުޅޭ ޕެޓިޝަނަށް ވަރަށް ކުރު މުއްދަތެއްގައި ސޮއި ހަމަވުމާއެކު، އެ ޕެޓިޝަން ވަނީ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ބިލަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ، މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ކުއްލި ގޮތަކަށް މިދިޔަ އަންގާރަ ދުވަހު ގަވައިދު ބަދަލު ކުރުމާއެކުގައެވެ.
މީގެ އިތުރުން، އެ ބިލުގެ މަސައްކަތް ހިމެނޭ ގޮތަށް، ބައެއް މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ދައުރު ވަނީ މިދިޔަ އަންގާރަ ދުވަހު، ދެވަނަ ފަހަރަށް ދަންމައިލައިފައެވެ.