އެމްއެމްއޭއިން ފައިސާ ނެގުމަކީ ހަމަ ޗާޕުކުރުން: އަޒާން

މެންބަރު އަޒާން، ރައީސް މުއިއްޒާ އެކު: އޭނާ ވަނީ ފައިސާ ޗާޕުކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައި -- ފޮޓޯ/ ރައީސް އޮފީސް

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކޮންމެ ގޮތަކުން ވެސް އިގުތިސާދަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ކަމަށް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ.

އެކަމަކު، އެ ކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ގުޅި ނަމަވެސް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އަޒާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ގޮތަކުން އިގުތިސާދަށް މަރުކަޒީ ބޭންކުން ފައިސާ ނެގުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. މިހާރު ވެސް ރާއްޖެއިން ތަހަންމަލުކުރަނީ މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުން ދިމާވި ގޮންޖެހުންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ފައިސާ ޗާޕުކުރުމާ ދެކޮޅަށް މިދިޔަ ސަރުކާރަށް ތަކުރާރުކޮށް ލަފާދިން ކަމަށާއި މި ސަރުކާރުން ފައިސާ ޗާޕުނުކުރާތީ ވެސް އައިއެމްއެފުން ތައުރީފުކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"15 ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްފިނަމަ ތަކެތީގެ އަގު ބޮޑުވެ، ޑޮލަރު އެކްސްޗޭންޖު ރޭޓު މަތިވެ، އިގުތިސާދީ ނުތަނަވަސްކަން އިތުރުވާނެ،" އަޒާން ވިދާޅުވިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަންނަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަނެއްހާ ރުފިޔާ ސަރުކާރަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އިއްޔެ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/203513

ފައިސާ ޗާޕުކުރުމާ ދެކޮޅަށް އަޒާން ވާހަކަދެއްކެވިއިރު، މި ފަހުން ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީއެންސީން ހުށަހެޅި ބިލަށް ވޯޓު ނުދިން މައްސަލައިގައި އަޒާން ވަނީ އެ ޕާޓީގެ މަޖިލިސް މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ. އޭގެ ފަހުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަޒާން ވަނީ ބޭރުކޮށްފައެވެ.

ފައިސާ ޗާޕުކުރަން އުޅޭކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރޭތާ ދުވަސްކޮޅެއްވެފައިވާއިރު، އެ ކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަރުކަޒީ ބޭންކުން ވެސް މިހާތަނަށް އެ ކަމާ ގުޅުވައި އެއްވެސް އެއްޗެއް ނުބުނެއެވެ.

'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދާށެވެ.

ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.

https://sun.mv/202775

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ ޚަރަދުކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރުމަށް ފަހު، 7.7 ބިލިއަން ރުފިޔާ ޚަރަދުން ސަލާމަތްކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

އެކަމަކު، ދަރަނި ބޮޑުވެ، ޚަރަދު ކުޑަނުކުރެވޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

އެ ގޮތުން، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އެތައް ފައިސާއެއް ވެސް ނުދެވި އެބަހުއްޓެވެ. ބޭރުގެ މާލީ އިދާރާތަކުން ސަރުކާރުގެ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބުނެ އިންޒާރު ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

https://sun.mv/203491

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ.

އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިގުތިސާދީ ހާލަތު ގޯސްވީ އެހެންވެ ކަމަށް ވެސް ތުހުމަތުކުރިއެވެ.

comment ކޮމެންޓް