ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން މައްސަލައިގައި ހޯދިފައިވާ ހޯދުންތަކުން ފެންނަނީ މާލިއްޔާގެ ތެރެއިން ނަހަމަގޮތުގައި ފައިދާތައް ހޯދާފައި ހުރި ތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫހު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގައި ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގައި، ދައުވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ދައުވާކުރުމަށް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅުވައި އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ، ބަދަލު ދިނުމުގެ މައްސަލައަކީ މިދިޔަ ސަރުކާރުގައި ހިންގާފައި އޮތް އެންމެ ބޮޑު ޖަރީމާ ކަމަށާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެއްޖެއްޔާ އެކަމެއް ބެލުމަކީ މާލިއްޔަތު ކޮމިޓީގެ ޒިންމާއެއް ކަމަށެވެ.
އެހެންވީމަ ތަފާތު އެކިއެކި އޭންގަލްތަކުން މި މައްސަލައިގައި ބަލާއިރު ވެސް ފާހަގަކުރެވޭ ކަމަކީ އޭރުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޞާލިޙް އިސްވެ ހުންނަވައިގެން އަދި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްވެ ހުންނަވައިގެން ހަގީގަތުގައި އަޅުގަނޑުމެންނަށް ފެނުނީ ދައުލަތުގެ ތެރެއިން، މާލިއްޔާގެ ތެރެއިން އެބޭފުޅުންނަށް ލިބިފައި ހުރި ބާރުތަކުން ނަހަމަ ގޮތުގައި ތަފާތު ފައިދާތައް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަކަން. އެ ފައިދާތައް ހޯދާފައި ހުރިކަން އަޅުގަނޑުމެންނަށް މިއަދާ ހިސާބަށް ބެލިބެލުމުން ފާހަގަވާން މި އޮތީފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު
މި މައްސަލައިގައި ސަރުކާރުގެ އިދާރާތަކާއި ކަމާ ގުޅުން ހުރި ތަންތަނުން ހޯދި ހޯދުންތަކުން ފާހަގަވާ އެއް ކަމަކީ ހުރިހާ ބަދަލެއް އަމާޒުކޮށްފައިވަނީ އޭރު ސަރުކާރުގައި ތިބި ވެރިން ބޭނުންވާ ދިމާތަކަށް ކަމަށް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އޭރު ބަދަލުގެ ގޮތުގައި ދީފައި އޮތް 36 ރަށާއި ފަޅުތަކުގެ އަގަށް 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އަރާނެ ކަމަށާއި މިދިޔަ ސަރުކާރުގައި ބާރު ލިބިފައި އޮތުމުން އެތަންތަނަށް ބޭނުން ގޮތެއް ހަދާފައިވާ ކަމަށް މަމްދޫހު ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، މި ސަރުކާރާ ހަވާލުވުމަށް ފަހު، މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި 'ވައްކަމުގެ މައްސަލަތައް' ބަލަން ފެށި ހިސާބުން އެމްޑީޕީގެ ލީޑަޝިޕް ނުކުމެ، އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރަން ފެށި ކަމަށާއި އެ މައްސަލަތައް ބެލުމުގެ ކުރިން މަޖިލީހުގައި އެ ޕާޓީގެ އެއްބާރުލުން ލިބުނު ކަމަށް ތަކުރާރުކޮށް، އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ، ކޮންމެ ޕާޓިއަކަށް ނުވަތަ މަގާމަކަށް ނިސްބަތްވާ މީހަކު ވައްކަމެއް ކޮށްފިއްޔާ އެކަމެއް ބެލެން ޖެހޭނެ ކަމަށާއި މި ސަރުކާރުގައި އެ ފަދަ މައްސަލަތައް ހުއްޓުވައި، އެކަންކަން ބަލާނެ ކަން ފާހަގަކުރައްވާފައެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މި މައްސަލައިގައި ތަހުގީގެއް ހިންގުމަށް ނިންމާފައިވާއިރު، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ވެސް ވަނީ ނިންމައިފައެވެ.
އެ އެއްބަސްވުންތަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ހަމައެއާއެކު މާލިއްޔަތު ގާނޫނާ ޚިލާފަށް އެއްވެސް ބަޔަކަށް ބަދަލު ދީފައިވާނަމަ އެވެސް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އަންގަން ވެސް ފާސްކުރިއެވެ.
އެމްޑީޕީން ވަނީ އެ މައްސަލަ ބަލަން އަންގަނީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވަނީ ކަމަށް ތުހުމަތުކޮށްފައެވެ.
އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީ މިދިޔަ އަހަރުގެ ނޮވެންބަރުގައި އުވައިލެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.