ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރައްވައިފި

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ފާޅުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ވިސްނުމުގައި ދިރާސާކޮށް، މަޝްވަރާ ކުރުމުގެ މަަސައްކަތް ފަށާފައި ވާކަމަށެވެ.

މި ޝައުގުވެރިކަން ފާޅުކުރައްވާ އޭނާ ވަނީ އެމްޑީޕީގެ ބައެއް އަރިސް ބޭބޭފުޅުންނަށް މެސެޖެއް ވެސް ކުރައްވާފައެވެ.

މި މެސެޖުގައި ވަނީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމާ ގުޅޭގޮތުން ދިރާސާކޮށް، މަޝްވަރާ ކުރެއްވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ނިންމަވާފައި ވާކަމަށެވެ.

"މިކަމަށް އަޅާ ފުރަތަމަ ފިޔަވަޅުގައި ސަޕޯޓު ލިބޭނެކަމަށް އުންމީދު ކުރަން. ޝުކުރިއްޔާ." އެ ސެމެޖުގައި ވެއެވެ.

މީގެ ކުރިން، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޑރ. ޝަމްހީދު ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރައްވާފައެވެ. ނަމަވެސް، ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މި ހިނގާ 20ވަނަ މަޖިލީހަށް ވާދަކުރައްވާ، އޭނާ ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ މީގެކުރިން އިއުލާނު ކުރައްވާފައެވެ.

https://sun.mv/199408

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިދިޔަ އަހަރުގެ ނޮވެމްބަރު 23ވަނަ ދުވަހު އޭނާ ފޮނުއްވި މެސެޖެއްގައި ވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އޭނާއަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ, 2028ވަނަ އަހަރު އިންތިޚާބުގައި ވާދަކުރައްވާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު އެކަމަށް ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި ކުރިމަގާ ބެހޭގޮތުން ޕާޓީގެ އިސްވެރިންނާ ވާހަކަދައްކަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިސްވެރިންގެ ތެރޭގައި ފަސް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ހަމަ މި ސުވާލު އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާ ވެސް ވަނީ ކުރިމަތި ކުރުވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށާއި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިވަގުތު މުޅި 'ފޯކަސް' ހުރީ މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށެވެ.

https://sun.mv/199456

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އިއުލާން ކުރައްވައިފައެވެ.

comment ކޮމެންޓް