އައިޕީޔޫގެ 150 ވަނަ އެސެމްބްލީއަށް އަބްދުއްރަހީމް އުޒްބަކިސްތާނަށް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: އައިޕީޔޫގެ 150 ވަނަ އެސަމްބްލީއަށް އަބްދުއްރަހީމް އުޒްބަކިސްތާނަށް -- ފޮޓޯ/ މަޖިލީސް

އިންޓާ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުޒްބަކިސްތާނަށް ވަޑައިގެންފިއެވެ.

މި އެސެމްބްލީ ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް، އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓްގައެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެފައި ވާކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

އައިޕީޔޫއަކީ 180 ގައުމެއްގެ ގާނޫނު ހަދާ މަޖިލިސްތަކުން ބައިވެރިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. އައިޕީޔޫގައި ރާއްޖެއިން ބައިވެރިވުމަށް ފާސްކުރީ ނޮވެމްބަރު 4، 2004ގައެވެ. އަދި އެ ޖަމްއިއްޔާގެ ރާއްޖޭގެ ގޮފި އެކުލަވައިލީ ޖޫން 6، 2005ގައެވެ.

comment ކޮމެންޓް