ފާއިތުވި އަހަރު ތެރޭ ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް މާލީ ހާލަތުން އަރައިގަނެ، ބަނގުރޫޓުވިޔަނުދީ ހިފެހެއްޓުން ކަމަށާއި ދެން އޮންނާނީ ތަރައްގީކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލީ ހާލަތު ގޯސްވެ، ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ޚަރަދު ކުޑަކުރަން ރާއްޖެއަށް ގޮވާލަމުންނެވެ. ސަރުކާރުން ވެސް އަންނަނީ އާމްދަނީ އިތުރުކުރަން ޚާއްސަކޮށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އއ. އަތޮޅާއި ކ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްދޫ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ގައުމު ބަނގުރޫޓުވިޔަނުދީ ހިފެހެއްޓުން ކަމަށެވެ.
"އިގުތިސާދު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަށް ގެންދިއުން އެއީ ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ބޮޑު ކަންތައް. ޑިފޯލްޓުނުވެ، ގައުމު ސަލާމަތްކުރުން،" ރައީސް ވިދާޅުވިއެވެ.
"އެއީ، އަޅުގަނޑު ހިތުން ފެންނަން އޮތް އެއްޗެއް ނޫން. ތެދުފުޅެއް، ފެންނާކަށް ނެތް އެ ކަމެއް. އަތުން ހިފޭ ކަމެއް ނޫން. އެހެންނަމަވެސް އެއީ އެންމެ ބޮޑު ކަންތައް ކުރެވުނު. އެކަން ކުރުމަކީ ވަރަށް ގިނަ މަސައްކަތްތަކެއް އޭގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދީގެން ކޮށްގެންވީ ކަމެއް،"
ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރާއި ކުރިއަށް ހުރި އަހަރުތަކުގައި ވެސް ގައުމު ކުރިއަށް ގެންދާނީ މި އަހަރު ގާއިމުކުރި ބިންގަލުގެ މަތީގައި ކަމަށެވެ. އެއީ، ފައިސާ ޗާޕުނުކުރުމާއި ގައުމަށް މުހިންމު ދާއިރާތައް ކުރިއެރުވުމެވެ.
އެ މަނިކުފާނު ވިދާޅުވީ، ތަރައްގީއަކީ ހަމައެކަނި ލޯކުރިމަތިން ފެންނަން ހުންނަ އިމާރާތް ނޫން ކަމަށެވެ.
މަސްތުވާތަކެއްޗާއި ބިދޭސީންގެ މައްސަލަތައް ވެސް ހިމެނޭހެން ގައުމަށް ދިމާވެފައި ހުރި އިޖުތިމާއީ މައްސަލަތަކުން އަރައިގަތުމަކީ ވެސް ގައުމު ކުރިއަށް ގެންދަން އިންތިހާއަށް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރިއެރުމަކީ ހަމައެކަނި ލޯކުރިމަތިން ފެންނަ އިމާރާތެއް ނޫން. ހަގީގީ ކުރިއެރުމަކީ އެ އިމާރާތް ވެސް އެޅިފައި، މުޖުތަމައުގެ ތެރޭގައި ހުރި ކަންކަމަށް ވެސް ހައްލު އައިސް ފިކުރީ ގޮތުން ވެސް ތަރައްގީ އައިސް ބިނާކުރަނިވި މުޖުތަމައެއް ފުދުންތެރި މުޖުތަމައެއް ގާއިމުވެގެން ދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ރައްޔިތުންނަށް ތަރައްގީ ފެންނަން ވެސް ފަށާނެ ކަމަށެވެ. އެ ގޮތުން، ސިއްހީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ތައުލީމީ ދާއިރާއާއި ޖުމުލަ ގޮތެއްގައި ހުރިހާ ދާއިރާއެއް ވެސް ތަރައްގީވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ކަންކަމާ އެކު ޑުރަގުގެ ވަބާއިން ސަލާމަތްކުރުމާއި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ވެސް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވަށައިޖެހޭ ހަގީގީ މާނައިގައި ތަރައްގީ ގެންނަން އަޅުގަނޑު ބޭނުންވަނީ. އަޅުގަނޑު ހިތުން ރައްޔިތުން ވެސް ބޭނުންވާނީ އެ ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްދޫ ބަނދަރުގެ މަސައްކަތް ހިމެނޭހެން އެ ރަށަށް ދަތިވެފައި ހުރި ކަންކަން ވެސް އަންނަ އަހަރުން ފަށައިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވައިފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި އެ މީހުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވާނެ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައެވެ. އެ އެޖެންސީން މި މަހު ވަނީ އެ ރޭޓިންގައި ދަމަހައްޓަން ނިންމާފައެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، ޚަރަދުތައް ކުޑަ ނުކުރާ މައްސަލަ ބޭރުގެ އިދާރާތަކުން ވެސް ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28ގެ ނިޔަލަށް ދައުލަތަށް 31.1 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ އަހަރަށްވުރެ 709 މިލިއަން އިތުރު އަދަދެކެވެ. ނަމަވެސް، އެ މުއްދަތުގައި ޚަރަދު އޮތީ މިދިޔަ އަހަރަށްވުރެ 756 މިލިއަން ރުފިޔާ އިތުރަށް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަވައްޓެރި އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމާ އެކު ލިބުނު 400 މިލިއަން ޑޮލަރާ އެކު ރަސްމީ ރިޒާވް 614 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އެކަމަކު، ބޭނުންކުރެވޭ ރިޒާވް ހުރީ 31.5 މިލިއަން ޑޮލަރުގައެވެ.
ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ގޮވާލައިފައެވެ.