އާ ބަޖެޓާ އެކު މި ފެށޭ ޖެނުއަރީ މަހުން ފެށިގެން މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށާއި ވަކި ތަރުތީބެއްގެ ތެރެއިން މަޝްރޫއުތައް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މަޝްރޫއުތައް ނުހިނގާ އޮތީ މިދިޔަ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ ފުރުސަތު ލިބިފައި ނެތުމުން ކަމަށެވެ. އެއީ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެކެވެ.
މަޝްރޫއުތަކަށް ކުދިކުދި އަދަދުތައް ބަޖެޓުކޮށްފައި ހުރިކަމަށާއި އެ އަދަދުތަކުން މަޝްރޫއުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ރައީސް ތަކުރާރުކޮށް ފާޅުކުރެއްވިއެވެ.
"މި ދެ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހައިލެވިގެން ތަރުތީބެއްގެ ތެރެއިން އަޅުގަނޑުވެފައި ހުރި ހުރިހާ ވައުދެއް، އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލު، ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް ކުޅިވަރާ ބެހޭ ކަންކަން ތަރުތީބެއްގެ ތެރެއިން އަމަލީ ގޮތުން މަސައްކަތްތައް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުން ވެސް ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ތާވަލުކުރެވިގެން ތަރުތީބެއްގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން،"
އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ތެރޭގައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެން ފަށާނެ ކަމަށެވެ. ބަހައިލެވިގެން ވަކި ތަރުތީބެއްގެ ތެރެއިން މުޅި ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން، ތޮއްޑޫގެ މަގުހެދުމުގެ މަޝްރޫއު ވެސް އަންނަ އަހަރު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށެވެ.
އެ ރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވަން ވެސް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
މި ހިނގާ އަހަރު ތެރޭ ގިނަ މަޝްރޫއުތަކެއް ހުރީ މަޑުޖެހިފައެވެ. އެއީ، ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. މާލީ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން މަޝްރޫއުތަކަށް ކުރި ހޭދައިން ބިލިއަނެއްހާ ރުފިޔާ ދަށްވެފައިވާއިރު، ދުވަހުން ދުވަހަށް ސަރުކާރު ހިންގަން ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލުތައް ނެތްކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ސަރުކާރުން ވަނީ އާ ބަޖެޓާ އެކު މަޝްރޫއުތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެކަމަކު، ބަޖެޓުކުރި މަޝްރޫއުތަކާ ގުޅޭ ތަފުސީލުތައް ހާމަކޮށްފައެއް ނުވެއެވެ.