ކޮންމެ ސަރުކާރެއް އައިކަމުގައިވީ ނަމަވެސް ގައުމުގެ ކަންތައްތައް ދަނީ "ގޯހުން ގޯހަށް" ކަމަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ, ސަރުކާރުގެ ކޯލިޝަންގައި ނެތް ސިޔާސީ ޕާޓީއެއް ނަމަ އެއީ ސަރުކާރާ ވާދަވެރި ނޫނީ ސަރުކާރު ޖަވާބުދާރީކުރަން ތިބެންޖެހޭނެ ބައެއް ކަމަށެވެ. އޭގެ އެއް މިސާލަކީ ޑިމޮކްރެޓްސް ކަމަށާއި، ބޮޑަށް ޑިމޮކްރެޓްސްއިން މަސައްކަތްކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އިންތި ވިދާޅުވިއެވެ.
އަޅުގަނޑުމެން ވާންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ޕާޓީއަކަށް. އެހެންވީމާ މިގޮތަށް ތިބޭ ހުރިހާ ސިޔާސީ ޕާޓީތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ. ވަރަށް ބޮޑުކޮށް މަސައްކަތްކުރަންޖެހޭ ހާލަތެއްގައި ގައުމު މި އޮތީ، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި)
އިންތި ވިދާޅުވީ، ގައުމު މިހާރު މިއޮތް ހާލަތަށް ބަލާއިރު، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި ސިޔާސީ ޕާޓީތައް އެކަނި ނޫން ކަމަށެވެ. އެގޮތުން، އެކަންކަމަށް ލޯ ހުޅުވައި އެ ކަންކަން ގާތުން ބެލުމަށް ނޫސްވެރިންނާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުންނަށް ވެސް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީކުރުމަކީ އެއިން ކޮންމެ ބައެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ބަޔަކަށް ސަރުކާރެއް ހަވާލުކުރުމަށް ވޯޓުލުމަށް ފަހު އެ ހިސާބުން ދެން އަތް އުރާލައިގެން ނުތިބެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ސަރުކާރެއް މިހާރު އައިކަމުގައި ވިޔަސް ހަމަ ގޯހުން ގޯހަށް ކަންތައްތައް ގެންދާތަން ފެންނަނީ. އެހެންވީމާ ޖަވާބުދާރީކުރުވުގައި ސިޔާސީ ޕާޓީތަކުން، އަޅުގަނޑުމެން އެންމެންވެސް [ދެމި]ތިބެންޖެހޭނެ. އެކުގައި ވިއްޔާ އެކުގައި، ވަކިން ވިއްޔާ ވަކިން ވެސް ތިބެންޖެހޭނެ، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި)
އިންތި ވިދާޅުވި ގޮތުގައި އެއްވުންތަކާއި، ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ވިޔަސް ރައްޔިތުން މިއަދު ހޭލުންތެރިކުރުވަން ޖެހޭނެ ކަމަށެވެ. މިހާރު ކަންތައް ވަމުންދާ ގޮތަށް ބަލައި ރައްޔިތުންނަށް އެއަށް ވުރެ ރަނގަޅު ސިޔާސަތުތައް ހުށަހަޅައި، ދެން އަންނަ ވޯޓުލުމަކަށް ވާންވާއިރަށް ރައްޔިތުންނަށް ކަންކަން އަންގައިދޭން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓްސް އުފެދުނީ މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިންނެވެ. އެއަށް ފަހު އެ ޕާޓީން ވަނީ އެމްޑީޕީއާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކޮށް، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިކުރުމަށް މުހިންމު ރޯލެއް އަދާކޮށްފައެވެ.
ޑިމޮކްރެޓްސްއިން ބުނާ ގޮތުގައި އެ ޕާޓީ އުފެދެން ދިމާވި މައިގަނޑު ސަބަބީ އެމްޑީޕީން ޒަމާނުއްސުރެ ހިފަހައްޓަމުން އައި އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރުމެވެ. އަދި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތައް ހުރުމުގެ ސަބަބުން އެކަމާ ދެކޮޅު ހަދައިފިނަމަ ޕާޓީން ވަކިކުރާނެކަމުގެ އިންޒާރުތައް އޭރު ލިބުނު ކަމަށް ވެސް ޑިމޮކްރެޓްސްގެ މެންބަރުން ބުންޏެވެ.