ރައްޔިތުން ކިތަންމެ ބޮޑު ބާރެއް ދިން ނަމަވެސް ކިބުރުވެރިކަން އިސްކޮށް، އެ ބާރުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު ފެންނަނީ މި ސަރުކާރުގައި ރެނދުލާ މަންޒަރު ކަމަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި އެފަދައިން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން މިދިޔަ މަހު 28ގައި ވަނީ ވަކިކުރައްވާފައެވެ. ކުއްލި ގޮތަކަށް ފައިސަލް ވަކިކުރުމާ އެކު، އަބްދުއްރަހީމް ވަނީ އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން ރަނގަޅުނަމަ އެގޮތަށް އެކަމެއް ނުވީސް ކަމަށް ވެސް ވިދާޅުވެފައެވެ.
ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ވެރިކަމެއްގެ އާރާއި ބާރުގައި ތިއްބަވާއިރު ކިތަންމެ ބާރުގަދަކޮށް ފެނުނަސް، ކިތަންމެ ބާރެއް ރައްޔިތުން އެ ބޭފުޅުންނާ ހަވާލުކުރި ނަމަވެސް އެހާ ބޮޑަށް އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާކަށް ނުވާނެ ކަމަށެވެ. އަދި، އެހާ ބޮޑަށް ކިބުރުވެރިވެ، އޭގެ އިންތިހާއަށް ކަންކަން ގެންދާކަށް ވެސް ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އަޅުގަނޑު ހަނދާނަށް އަންނަނީ ކިތަންމެ ބާރުވެރިކަމެއްގެ ތެރޭގައި، ކިތަންމެ ބާރުގަދަ ބައެއްގެ ގޮތުގައި ސިޔާސީގޮތުން ފެއްޓުނަސް ކުޑަ ހިނދުކޮޅެކޭ ނަގަނީ މުގުރައިގެން ފުނޑައިގެންދާން. އެއީ ވަރަށް ގިނައިން ވާ ކަމެއް، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި)
އެހެންކަމުން ކިބުރުވެރިވެ، ލިބިފައިވާ ބާރުތަކުގެ ނާޖާއިޒު ފައިދާތައް ނަގާނަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އެފަދަ ކަމެއް ވެދާނެ ކަމަށް އިންތި ވިދާޅުވިއެވެ.
މިހާރު ކަންތައްތައް ވަމުންދާ ގޮތުން މި ސަރުކާރުގައި ފޮރުވިފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ރެނދު އަޅަމުން ފެންމަތިވަމުންހެން ދާހެން ހީވާ ކަމަށް އިންތި ވިދާޅުވިއެވެ.
އެގޮތުން، އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވި ކުރުއްވުމަކީ އޭގެ ވަރަށް ބޮޑު އަލާމާތެއް ކަމަށް އިންތި ވިދާޅުވިއެވެ. އެއީ، ވަރަށް ބޮޑެތި ކަންތައްތަކެއް ސަރުކާރުގެ އެތެރެއިން ހިނގާކަމުގެ އަލިގަދަ މިސާލެއް ކަމަށާއި އެހެން ނޫންނަމަ ކަންކަން ވާނީ އެގޮތަކަށް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
ދެން ވާނެ ގޮތެއް ނޭނގޭ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެން މާ ގިނަ ދުވަހަކު އެ މަގާމުގައި ބައިންދަވާފާނެއެކޭ ސަރުކާރަކުން، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި)
ފައިސަލް އެ މަގާމުން ވަކިކުރި ދުވަހު އޭނާ ވިދާޅުވި ގޮތުގައި، ވަކިކުރައްވަން ނިންމެވި ނިންމެވުމަކީ އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ނިންމެވި ކަމެކެވެ. އޭނާ ވަކިކުރިކަން އެނގުނީ ވެސް އެ ދުވަހު ހެނދުނު އޮފީހަށް ވަޑައިގަތުމުން ކަމަށް އެ ދުވަހު ފައިސަލް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވެސް ވަނީ ފައިސަލްގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، ފައިސަލް މަސައްކަތްކުރެއްވީ އިޚުލާސްތެރިކަމާ އެކު ކަމަށާއި، ނަތީޖާ ވެސް ނެރެދެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ކަން މިހެން ދިމާވެފައި އޮތް މި ވަގުތު، ރައީސް މުއިއްޒާ އެންމެ އަރިސްކޮށް މިވީހާ ދުވަހު އުޅުއްވި އަބްދުއްރަހީމާއި އެ މަނިކުފާނާ ދެމެދު ނުތަނަވަސްކަމެއް އޮތްކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ. ޚާއްސަ ގޮތެއްގައި އަބްދުއްރަހީމް މަޖިލިސް ރައީސްކަމުގައި މާ ގިނަ ދުވަހަކު ނުބަހައްޓަވާނެ ފަދަ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.