ގާސިމް އިބްރާހީމްގެ ބަޔޮގްރަފީ އަންނަ ހަފުތާގައި ނެރެނީ

ޤާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތުގައި: ޤާސިމްގެ ބަޔޮގްރަފީ އަންނަ ހަފުތާގައި ނެރެން ވަނީ ތައްޔާރުވެފައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ލިޔެފައިވާ ބަޔޮގްރަފީ ފޮތެއް ނެރުމަށް ތައްޔާރުވެއްޖެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ މި ފޮތް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ވިލާ ކޮލެޖުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

އެ ހަފުލާގައި ބަޔޮގްރަފީގެ އޯޑިއޯއާއި ވެބްސައިޓް އިފުތިތާހުކޮށް، ގާސިމްގެ ހަޔާތްޕުޅު ކުރުގޮތަކަށް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ފަށާނެއެވެ.

އަންގާރަ ދުވަހުގެ ރޭގަނޑު 10:30ގެ ނިޔަލަށް ކުރިއަށްގެންދާ އެ މައުރަޒަށް ދާ ކޮންމެ މީހަކަށް ވެސް ގާސިމްގެ ބައޮގްރަފީގެ ކޮޕީއެއް ހިލޭ ލިބޭނެއެވެ.

ފޮޓޯ ސަފުހާތަކާއެކު، 800އަށްވުރެ ގިނަ ސަފުހާ ހިމެނޭ މި ފޮތް ޗާޕު ކޮށްފައިވަނީ ހާޑް ކަވަރުގައެވެ. އަދި ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ހުރިހާ ކަމަކަށް ވަނީ އަލިއަޅުއްވާ ލައްވައިފައެވެ.

އޭގެތެރޭގައި އެމަނިކުފާނުގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތަކުގެ އިތުރުން، އާއިލީ ދިރިއުޅުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ތަފުސީލީ ގޮތެއްގައި ލިޔުއްވާފައިވެއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމަކީ، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ގާސިމް ވަނީ 2008، 2013 އަދި 2023ގައި ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވައިފައެވެ. ނަމަވެސް ގިނަ އިންތިޚާބުތަކުގައި ރައީސްކަމަށް ބޭފުޅުން ހޮވިވަޑައިގަތީ ގާސިމްގެ ތާއިދާއެކުގައެވެ.

comment ކޮމެންޓް