ވެރިކަމަށް އަބްދުއްރަހީމްގެ ޝައުގެއް ނެތް: ވިދާޅުވީ ފުރުސަތެއް ލިބުނަސް ސަލާމަތްވާނީ ކަމަށް!

ރައީސް ޑރ. މުއިއްޒާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެ މަނިކުފާނު ވަނީ ވެރިކަމަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި މުސްތަގުބަލުގައި ވެސް އެ ވިސްނުން ބަދަލު ނުކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ، ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ފުރަތަމަ ރައީސްގެ ގޮތުގައި 2028 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބު ކުރުން ކަމަށެވެ.

އަބްދުއްރަހީމް ވެސް ހުންނަވާނީ އެ މަސައްކަތުގައި ސާބިތުވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ޕޯޑިއަމެއްގައި ތި ސުވާލު އަންނަ ކޮންމެ ފަހަރަކު ދޭ ޖަވާބެއް އޮންނާނެ އެއީ ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެމޭ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުގެންގުޅޭނަން، ވާދައެއް ނުވެސް ކުރާނަން އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތްވާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނާއި ރައީސްގެ ގުޅުމާ ގުޅޭ ގޮތުން ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރަށްވުރެ، މިހާރު އެ ދެ ބޭފުޅުންގެ ގުޅުން މާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ދެ ބޭފުޅުންގެ މަގާމުގެ ގޮތުން ކުރިއަށް ވުރެ މާ ގިނައިން ދިމާވެ، މަޝްވަރާކޮށް ހެދުމުގެ ފުރުސަތު ލިބޭކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި މަޖިލިސް އިންތިޚާބަށް ފަހު، މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނުގެ ނަން ރައީސް ހުށަހެޅުއްވީ ވެސް އިތުބާރު ކުރައްވާ ވަރު ބޮޑުކަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުވެސް ފަޚުރުވެރިކަމާއެކީގައި ދަންނަވަން ކެރޭ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒާ އެންމެ ގުޅުން ރަނގަޅު މީހަކީ އަޅުގަނޑޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މިއަދު އިއުލާން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ޕާޓީން ފަސް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއްކަން ވިދާޅެއްނުވެއެވެ.

އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ 2028ގައި އެ މަނިކުފާނު ވެރިކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީ އާއި ޕީޕީއެމްގެ ކޯލިޝަންގެ ރިޔާސީ ޓިކެޓް ފުރަތަމަ ލިބިވަޑައިގަތީ ޔާމީނަށް ނަމަވެސް، ޖަލު ހުކުމެއްގައި ހުންނެވުމުން ސުޕްރީމް ކޯޓުން ނިންމީ އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށެވެ. އެއަށްފަހު ޔާމީންގެ ތާއިދާއެކު، ރައީސް މުއިއްޒު އިންތިޚާބުގައި ވާދަކުރައްވައި ވެރިކަމަށް ވަޑައިގަތީއެވެ. ނަމަވެސް އޭގެ ފަހުން ދެ ބޭފުޅުންގެ ގުޅުން ކެނޑި، ޔާމީން އާ ޕާޓީއެއް އުފެއްދެވީއެވެ.

comment ކޮމެންޓް

comment ފިޒު

4 month 3 day ago

މާ ކުރިންވެސް ހުންނާނީ ވާދަނުކުރަން ނިންމައިގެން.

comment އާދިލް

4 month 4 day ago

އެމް.ޑީ.ޕީން އިބޫއަށް މިރާއްޖޭގެ ވެރިކަން ދިނިއްޔާ އަދުރޭއަށްވެސް ރާއްޖޭގެ ވެރިކަން ކުރެވޭނެ.

comment ރައްޔިތެއް

4 month 5 day ago

ބޭފުޅާގެ ފެންވަރެއްނެތޭ.... ލަދު ކޮބާ! ފަހުޒަމާނުގެ އަލާމަތެއް ތިއީވެސް. ރައްޔިތުންގެ މައްޗަށް ބަސްކިޔަން ކަންކަމަށް އެކަށީގެންނުވާ މީހުން އިންތިޚާބުވެގެންދާނޭ ކަމަށް އޮވޭ ނޫންތޯ.

comment ?

4 month 5 day ago

އޭނައައް އިނގޭވިއްޔާ އޭނައަށް ވާވަރުގެ ކަމެއްނޫން މަން

comment އައްޓަމަސް

4 month 5 day ago

ރައްޔިތުންގެ ސަޕޯޓުވެސް އޮންނާނެހެން ހިއެއް ނުވޭ!