ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު އިއުލާން ކުރައްވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިއަދު 15:53ގައި ފައްޔާޒު ފޮނުއްވި މެސެޖެއްގައި ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އޭނާއަށް ތާއީދު ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ ބައެއް މެންބަރުން ވަނީ ފައްޔާޒު އެކަން އެންގިކަން "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އެމްޑީޕީގެ ބޭފުޅަކު އިއުލާނު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ, 2028 ވަނަ އަހަރު އިންތިޚާބުގައި ވާދަކުރައްވާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު އެކަމަށް ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި ކުރިމަގާ ބެހޭގޮތުން ޕާޓީގެ އިސްވެރިންނާ ވާހަކަދައްކަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ އިސްވެރިންގެ ތެރޭގައި ފަސް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ފަސް ބޭފުޅުންގެ ކިބައިން ޞާލިޙު އެދިވަޑައިގަތީ އަމިއްލަ ޝައުގުވެރިކަން އެކަމުގައި އޮތް ނަމަވެސް ޕާޓީއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.
އެމްޑީޕީ ޓިކެޓަށް ވާދަ ކުރައްވާނެކަން އެހެން ބޭފުޅަކު އަދި އިއުލާން ނުކުރި ނަމަވެސް ރައީސް ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް އެކަމަށް ޝައުގުވެރިވާ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ. ނަމަވެސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އެކަން ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އިއުލާން ކުރައްވައިފައެވެ.