ކަނޑު ހޯދުމުގެ ވައުދާ އެކު ޔާމީން 2028 ގައި ވާދަކުރައްވަނީ

ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ނުކުރެވި ހުރި ކަންކަން ކުރައްވަން 2028 ގައި ވާދަކުރައްވާނެ ކަމަށް --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަމަށް ތުހުމަތުކުރާ ކަނޑުގެ ސަރަހައްދު ހޯދުން ހިމަނުއްވައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ގެއްލުނު ކަނޑުގެ މައްސަލައާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައިގައި ޔާމީން މީގެ ކުރިން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައެވެ.

'ރާއްޖެ ޓީވީ'އަށް ދެއްކި ޚާއްސަ އިންޓަވިއުއެއްގައި އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، އަންނަ އިންތިޚާބު އަންނައިރުގައި ވެސް އެ މަނިކުފާނު ޖަލަށްލައިފާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އެހެންވެ، އިންތިޚާބާ މެދު އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށް ޔާމީން ފުރަތަމަ ވިދާޅުވިއެވެ.

"800 ގެ އަހަރުގެ ހުކުމް އަންނަވަރުގެ މައްސަލައޭ ހުރީ ކިޔާފައި މިހާރު ކޮބައިތޯ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބު؟ އަދީބަށްވުރެ ގިނަ ދުވަހު އަޅުގަނޑު އޮތިން ޖަލުގައި،" އިންތިޚާބުގެ ސުވާލާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވާ އަނެއްކާ ވެސް ޖަލު ހުކުމެއް އަތުވެދާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ޖަލުން ގެކޮޅަށް ވަޑައިގެން ދުވަހު ރައީސް މުއިއްޒާ އެކު: ދެ ބޭފުޅުންގެ ގުޅުން ގޯސްވީ ވެރިކަމަށް ހަފުތާއެއް ނުވަނީސް -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެކަމަކު، ޖަލަށް ވަޑައިގަންނަވަން ނުޖެހި، ސަލާމަތުން ހުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށާއި އެ ކަމާ މެދު ޝައްކެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ޝައްކެއް ވެސް ނެތް [2028 ގައި ވާދަކުރާނަން،]" ސީދާ ޖަވާބެއް އެ މަނިކުފާނު ދެއްވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އޮތީ މައިގަނޑު ތިން މަގުސަދެކެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވިދާޅުވީ، ގެއްލުނު ކަނޑުގެ ސަރަހައްދާއި އަދި ލިބޭނެ ނަމަ ފޯޅަވަހި ވެސް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމެވެ. މި ސަރުކާރުން ވެސް އެ ވައުދުވެގެން އައިސް، އެ ކަމަށް މަސައްކަތްނުކުރާ ކަމަށް އ ެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. އެ މަނިކުފާނު ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ބުނި ނަމަވެސް، އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިއްބެވެ.

"މި ދެ ކަންތައް ހައްލުކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ ޚިދުމަތުގެ ފުރުސަތެއް ލިބުން،" ވެރިކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

"މި ވަގުތު ތިބި ހުރިހާ ލީޑަރުންނަކީ ކޮމްޕްރޮމައިޒްޑް ލީޑަރުން އެނގޭތޯ،"

ޔާމީން: އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް އަންނަން ރައްޔިތުން ގާތުގައި ވައުދާއި އަހުދުވާ ކަމަށާއި އެކަމަކު ވެރިކަން ލިބުމުން ކަންތައް ކުރައްވަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އެހެންވެ، ރައްޔިތުން މި ސަރުކާރާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ ސާމްޕަލްއެއް ނަންގަވާ. މި ވަގުތު 10 މީހުން ނެގިޔަސް، 10 މީހުންގެ ތެރެއިން 10 މީހުން ބުނާނެ ތިމަންނަމެން މިހާރު މި ހިނގާ ސަރުކާރުން މި ކުރާ ކަންކަމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ ވެއްޓެއް. އެ ކަމެއް ނެތް ދިވެހިރާއްޖެއަކު. އެހާ އުނދަގޫ، އެ މީހަކަށް ލިބޭ ލާރިކޮޅުން ދެކޮޅުޖައްސަން،"

ޔާމީން ވިދާޅުވީ، ރައްޔިތުންނަށް އިގުތިސާދީ ގޮތުން ވެސް ފުދުންތެރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންވެ، މައިގަނޑަކަށް އެ ތިން ކަންތައް ހާސިލުކުރުމުގެ އުންމީދުގައި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން އެންމެ ފުރަތަމަ ވާދަކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބު އެ މަނިކުފާނު ކާމިޔާބުކުރެއްވީ ދެވަނަ ބުރުގައި ގިނަ ޕާޓީތަކަކާ އެކު ކޯލިޝަން ހައްދަވައިގެންނެވެ. ޖެހިގެން އައި 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. އެކަމަކު، އެހެން ހުރިހާ ޕާޓީއަކުން އިދިކޮޅު އިއްތިހާދެއް އެކުލަވައިލުމުން އެ މަނިކުފާނު ނާކާމިޔާބުވީއެވެ.

އެންމެ ފަހުން ބޭއްވި މިދިޔަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވަން ނިންމެވީ ޔާމީނެވެ. އެކަމަކު، އެ މަނިކުފާނު ޖަލު ހުކުމެއްގައި ހުންނެވުމުން ސުޕްރީމް ކޯޓުން ނިންމީ ވާދަނުކުރެއްވޭނެ ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ސެނެޓުގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވީ އެހެންވެއެވެ. އެކަމަކު، މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީން ވަކިވެ، އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ.

comment ކޮމެންޓް