ސަރުކާރުން އާސަންދައަށް ގެންނަ ބަދަލުތަކުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އެ ނިޒާމުން މަހުރޫމް ކުރަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ތުހުމަތު ކުރައްވައިފިއެވެ.
އާސަންދައަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފު ކުރި ޚިދުމަތެކެވެ.
ޝާހިދު ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް, ދިވެހި އައިޑީ ކާޑު ދެއްކުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ސިއްޙީ ނިޒާމަކީ، އެމްޑީޕީއިން ރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.
އަދި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ސަރުކާރުން މި ފަހުން ވަނީ އެނދުމަތިނުކޮށް ދެވޭ ފަރުވާއަށް އަމިއްލަ އިންޝޫރެންސުން ކަނޑާގޮތަށް އާސަންދައިން ޚިދުމަތްދޭ ގޮތުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ކަމާ ގުޅިގެން ޝާހިދު ވިދޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް, މި ނިޒާމަށް މި ސަރުކާރުން ގެންނަމުންދާ ބަދަލުގެ ހަގީގީ އަމާޒަކީ, ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމުން އެ އަސާސީ ހައްގުން މަހުރޫމު ކުރުން ކަމަށެވެ. އަދި ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަކޮށް، މުޅި ސިއްހީ ނިޒާމު ސިޔާސީ ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެހެންވެ، ބޭސްފަރުވާގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހުރޫމު ނުކުރުމަށާއި، ސިއްހީ ނިޒާމު ސިޔާސީ ނުކުރުމަށް ޝާހިދުވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
އާސަންދައިގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލަށް ސަރުކާރުން ބަދަލު ގެނައީ ދައުލަތުގެ ޚަރަދުކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އާސަންދައިން ކުރަމުންދާ ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ލަފާދީފައެވެ.
އެ ބަދަލުތަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔުމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވަނީ، އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ނުކަނޑާ ކަމަށާއި، އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު އައި އެންމެ މުހިންމު ބަދަލަކީ އެއްފަހަރާ ދެ އިންޝުއަރެންސް ސްކީމެއް ބޭނުން ނުކުރެވުން ކަމަށް ބުނެފައެވެ.