އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ނުކަނޑާ ކަމަށާއި، އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު އައި އެންމެ މުހިންމު ބަދަލަކީ އެއްފަހަރާ ދެ އިންޝުއަރެންސް ސްކީމެއް ބޭނުން ނުކުރެވުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނެފިއެވެ.
އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު ވަރަށް ގިނަ އާންމުންގެ މެެދުގައި "ދިވެއްސަކަށް ވީތީ ލިބެންޖެހޭ" އާސަންދަ ދިނުން ސަރުކާރުން ހުއްޓައިލީކަމަށް ބުނެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
މީގެ އިތުރުން އަމިއްލަ އިންޝުއަރެންސް ހޯދުމުގެ ގާބިލުކަން ހުރެ އެ އިންޝުއަރެންސް ގެންގުޅޭ މީހުންނަށް ދެން އާސަންދަ ލިބޭނީ ވެސް އެ އިންޝުއަރެންސް ލިމިޓް ހަމަވުމުން އެކަނި ކަމަށް ބުނެ ވެސް ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ, އަމިއްލަ އިންޝުއަރެންސެއް އޮންނަނަމަ އެ މީހަކަށް ދެ ގޮތަކުން ރައްކާތެރިކަން އެބަ ލިބޭ ކަމަށެވެ. އެއީ އަމިއްލަ އިންޝުއަރެންސާއި، އާސަންދަކަމަށް ވިދާޅުވިއެވެ.
"އެެހެން އަމިއްލަ އިންޝުއަރެންސް ނޯންނަ އެންމެންނަށް އޮންނާނީ އެންމެ ލޭޔާއެއްތާ. އެއީ އާސަންދަ އެކަނި،"
އޭގެ މާނައަކީ އަމިއްލަ އިންޝުއަރެންސްއިން ކަވަރު ނުކުރާ ހާލަތުގައި އެ ކަމަކަށް އާސަންދަ ލިބުންކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ވެސް އަމިއްލަ ކްލިނިކަކަށް، ނުވަތަ ހޮސްޕިޓަލަކަށް ދިއުމުން އަމިއްލަ އިންޝުއަރެންސް އޮތްތޯ ބަލައި ޗެކްކުރާނެ ކަމަށާއި، ދެން ޑޮކްޓަރަށް ދައްކަން އަންނަ މީހާއަށް އާސަންދަ ނުވަތަ އަމިއްލަ އިންޝުއަރެންސް ޚިޔާރުކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
"މިހާރު ވެސް އޮންނާނީ އެ ގޮތަށް [އެ މީހަކު ބޭނުން އިންޝުއަރެންސްއަކުން ބޭނުންކުރެވޭ ގޮތަށް]،" ހީނާ ވިދާޅުވިއެވެ.
އޭގެ މާނައަކީ އަމިއްލަ އިންޝުއަރެންސް ޚިޔާރުކޮށްފިނަމަ އާސަންދަ ނުލިބޭނެ ކަމަށެވެ. އަދި އާސަންދަ ޚިޔާރުކޮށްފިނަމަ އަމިއްލަ އިންޝުއަރެންސް ބޭނުންނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އަމިއްލަ އިންޝުއަރެންސްއިން ކަވަރު ނުކުރާ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
"ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރާ މީހާ ވިޔަސް އޭނާގެ ޕެކޭޖު ހުސްވާ ހިސާބުން، ނުވަތަ ޕްރައިވެޓް އިންޝުއަރެންސްގެ ޕޮލިސީން ކަވަރު ނުކުރާ ހިސާބުން ނުވަަތަ އޭނަ އަތުން ލާރި ދީފައި ބޭސް ސިޓީއަށް [ފައިސާ] ދައްކަން ޖެހޭ ހިސާބުން އާސަންދަ ކިކްއިން އެބަކުރެޔޭ،"
އަމިއްލަ އިންޝުއަރެންސް އޮތަސް އާސަންދައިން ބޭސް ލިބޭނެ
މީގެ އިތުރުން އަމިއްލަ އިންޝުއަރެންސް ދޭ ގިނަ ކުންފުނިތަކުން މިހާތަނަށް އެސްޓީއޯ ފިޔަވައި އެހެން އެއްވެސް ކުންފުންޏަކާ ބޭސް ހޯދަން އިންތިޒާމުތަކެއް ހަމަޖައްސައިފައިނުވާ ކަމަށެވެ.
އެހެންކަމުން އަމިއްލަ އިންޝުއަރެންސްއިން ޚިދުމަތް ހޯދިނަމަވެސް އާސަންދައިން ބޭސް ސިޓީގެ ބޭސް ހޯދަން ހޮސްޕިޓަލަށް ލިޔެވޭނެކަމަށް ވިދާޅުވިއެވެ.
"މާނައަކީ އޭނާއަށް ބޭސް ސިޓީ ލިބޭނެޔޭ އާސަންދައިގެ ތެރެއިން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް. އެހެންވީމާ ހަމަ ކުރީގެ ބޭސިކް ރޫލް އެއީ. ޕްރައިވެޓް އިންޝުއަރެންސް އޮތަސް ވެސް އޭގެން ކަވަރު ނުކުރާ ހަމަ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނޭ،" އޭނާ ވިދާޅުވިއެވެ.
އާސަންދައިން އަދި ބަދަލު ގެނައީ ހަމައެކަނި އައުޓްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ)ގެ ޚިދުމަތްތަކަށެވެ.
އެނދުމަތިކޮށްގެން ދެވޭ ފަރުވާ (އިންޕޭޝަންޓް)ގެ ބިލްތަކަށް މިހާރު ވެސް އަމަލުކުރަމުންދާ އުޞޫލުން އާސަންދަ ސްކީމުން ޚިދުމަތް ދޭނެއެވެ.