ބިލުތައް އަވަހަށް ނިންމަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ނިންމަން: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ: އެ މަނިކުފާނު ވިދާޅުވީ، ބިލުތައް އަވަހަށް ނިންމަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ނިންމަން ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ރައްޔިތުން ދިނީ، ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ނިންމުމަށް ކަމަށާއި، ބިލުތަކުގެ މަސައްކަތް އަވަހަށް ނިންމަނީ އެހެންވެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ވާހަކަތަކަށް ރައްދުދެއްވާ، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް -- ފޮޓޯ/ މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް ބިލުގެ ބަހުސް ކުރިއަށް ދިޔައިރު، އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ކޮންމެ ކަމެއް ވެސް މަޖިލީހުން ނިންމަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާއި އެއްގޮތަށް ކަމަށެވެ.

އެންމެ ނަމެއް ރައީސް މި ފޮނުވަނީ. އެބަ މަޖުބޫރުވޭ އެކަންކުރަން. އެހެންވީމާ އެ މަގުން އެކަން ކުރުން އެއީތޯއޭ އެންމެ ރަނގަޅު ގޮތަކީ ނޫނިއްޔާ މަޖިލީހުން އެކަން ކުރުންތޯ ރަނގަޅީ؟ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލްގެ ވާހަކައަށް ފަހު، ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޖަލްސާގެ ސުޕަމެޖޯރިޓީ އޮވެގެން މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަމަށެވެ. ރައްޔިތުން އެ މެޖޯރިޓީ ޕީއެންސީއަށް ދިނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަޖިލިސް ކުރިއަށް ގެންދަންވެގެން ކަމަށާއި މިހާ ބާރަށް ބިލުތަކުގެ ބަހުސްތައް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

20 ވަނަ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެއީ ރައީސް ކަމަށް ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށް ފަހު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމަށްޓަކައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން އެހާ ބޮޑު ތަނަވަސް އަޣުލަބިއްޔަތެއް ދެއްވީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަގުސަދު މި މަޖިލީހުން ހާސިލުކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި އަޅުގަނޑު މި ދަންނަވާލީ. އެއްގޮތަކަށް ވެސް ރިޔާސަތުން ބަހުސްގައި ބައިވެރިވުމުގެ މަގުސަދެއްގައެއް ނޫން. އެހެންނަމަވެސް، ރައްޔިތުންނަށް މިކަން އެނގެންޖެހޭނެ ކަމެއް ކަމަށް ދެކޭތީ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ

އިދިކޮޅު އެމްޑީޕީގެ މެންބަރުން މީގެ ކުރިން ވެސް ވަނީ ވިހިވަނަ މަޖިލީހުގައި މަސައްކަތްތައް ވަރަށް އަވަހަށް ނިންމާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބަހުސްގެ މަރުހަލާގައި ވެސް މާބޮޑު ބަހުސްކުރުމެއް ނެތި ބައެއް ބިލުތައް ކޮމިޓީއަށް ފޮނުވައި، ކޮމިޓީގައި ވެސް މާ ބޮޑު ދިރާސާއެއް ނުކޮށް، ބިލު ހުށަހަޅާފައި އޮތް ގޮތަށް ފާސްކުރާކަން ވަނީ ފާހަގަކުރައްވާފައެވެ. ބައެއް ފަހަރަށް ކޮމިޓީއަށް ފޮނުވާ ބިލު އެ ދުވަހުން ދުވަހަށް ވެސް ފާސްކޮށްފައިވެއެވެ.

comment ކޮމެންޓް