'މަޖިލިސް ކޭން ޑޫ އެނީތިން ދޭ ވޯންޓް'، އެކަމަކު ދެނޯ؟

ރައްޔިތުންގެ މަޖިލީސް: އެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފައްދާފައި -- ފޮޓޯ/ މަޖިލީސް

ގާނޫނުއަސާސީ ހެދިއިރު، އެ ކަމުގައި އެހީވި ބޭރުގެ ޕްރޮފެސަރު ޝްމައިޒާ ވަރަށް ބާރަށް ހިނިފުޅު ވަޑުވާފައި ވިދާޅުވިއެވެ. "ދަ މަޖިލިސް ކޭން ޑޫ އެނީތިން ދޭ ވޯންޓް،"އެވެ. އެ ކަމެއް ނުހުއްޓުވޭނޭއެވެ. އެއްވެސް ޑިމޮކްރަސީއެއްގައި މަޖިލީހުން ކުރަން ބޭނުންކަމެއް ނުހުއްޓުވޭނޭއެވެ.

ދެން އެކަމަކު މަޖިލީސް ޖަވާބުދާރީ ކުރުވާނީ ކާކުހެއްޔެވެ؟

އެ ތަނުން ދިވެހި ދައުލަތުގެ ދީނަކީ ނަޞާރާ ދީނޭ ނިންމައިފީއާ ވެސް ހަމަ ތިބެންވީހެއްޔެވެ؟ އެ ތަނުން، ގާނޫނުއަސާސީގެ މައިގަނޑު އަސާސްކަމުގައިވާ ރައްޔިތުންގެ ބާރުގެ ބަދަލުގައި ދެން ބާރުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައޭ ލިޔެފިއްޔާ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

ހަގީގަތުގައި ސުޕްރީމް ކޯޓުގައި މި ހަފުތާގައި ހޫނުކޮށް ކުރި ބަހުސަކީ އެއީއެވެ. މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް، ގާނޫނުއަސާސީގެ އަސާސްތަކާ ހިލާފު ކަމަށް ގިނަ ބަޔަކަށް ފެނުނީއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީއެވެ. އެ ކޯޓުގެ އިހުތިސާސާއި ތިން ބާރުގެ އިން ވަކިވާ ހިސާބާ މެދު އެހާ ވަރުގަދައަށް ބަހުސްކުރަން ޖެހުނީ މިއީ އާ ކަމެއް ވީމައެވެ.

ކުރިން ދުވަހަކު ވެސް ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލުކުރަން އެދި ސުޕްރީމް ކޯޓަކަށް ނުދެއެވެ.

https://www.sun.mv/202723

ޖެހިގެން އުޅޭ މައްސަލައަކީ، ޕީއެންސީގެ ސުޕަމެޖޯރިޓީން އެއް ދުވަހުން ގާނޫނުއަސާސީ އިސްލާހުކޮށްލީއެވެ. މެންބަރަކު ޕާޓީއަކުން ވަކިކޮށްލިޔަސް ވަގުތުން ގޮނޑި ގެއްލޭނެއެވެ. އެހެންވެ، ރައްޔިތުންނަށްނުވާ ވަފާތެރިކަމެއް އެ މެންބަރުން ޕާޓީއަށްވާން މަޖުބޫރުކުރުވީ ކަމަށް އިދިކޮޅަށް ފެނުނީއެވެ.

މަޖިލީހުގެ ނިންމުމެއް ސުޕްރީމް ކޯޓަށް ބާތިލުކުރެވިދާނެތަ؟

ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުންނަށް ބިރެއް އެބައޮތެވެ. ޕާޓީން ބުނާ ގޮތް ނުހަދައިގެން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެއެވެ. އެއީ، އެ މެންބަރުންގެ މިނިވަންކަން ގެއްލޭނެ ކަމެކެވެ. އެ ހިސާބުން މަޖިލީހުގެ މިނިވަންކަން ގެއްލުނީއެވެ. މިނިވަން ތިން ބާރުގެ އަސާސީ ސިފައަށް ލޮޅުން އެރީއެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިންގެ ކަންބޮޑުވުމަކީ އެއީއެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓުގައި: އޭނާ ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރީ ވެސް އިޖުރާއަތާ އެއްގޮތަށް ނޫން ކަމަށް --

"މިސާލަކަށް ދެން އަންނަ ރައްޔިތުންގެ މަޖިލީހަކުން ނިންމަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެއް ނުހުންނާނޭ. ސުޕްރީމް ކޯޓާ ބެހޭ ހުރިހާ މާއްދާތަކެއް ގާނޫނުއަސާސީން އުނިކުރަނީ. ކޮން ތާކަށްތޯ ދަނީ؟ ކީއްތޯ ކުރަނީ އަޅުގަނޑުމެން؟،" ތިން ދައުރު ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަލީ ހުސައިން ކޯޓުގައި ސުވާލު އުފެއްދެވިއެވެ.

"ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް އެއީ، އަސާސީ ގޮތުން ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް އެއީ ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެކޭ. އެ ނިޒާމު އެ ގޮތުގެ މަތިން ތަރުތީބު ކުރުމަށްޓަކައި ރައްޔިތުންގެ އޭރު އޮތް ޚާއްސަ މަޖިލީހުން ގާނޫނުއަސާސީ އެކުލަވައިލިއިރުގައި އަދި އަޅުގަނޑުމެންނަށް އެނގޭ ޖުރިސްޕުޑެންސަށް ބަލާއިރުގައި ވެސް އަދި ސިޔާސީ ގޮތުން ރިޔާސީ ނިޒާމާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކަށް ބަލާއިރުގައި ވެސް އެނގޭ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ވެސް ބަލާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަންވެގެންވުން އެއީ ރިޔާސީ ނިޒާމެއް ދެމެހެއްޓުމަށްޓަކައި ހިންގުމަށްޓަކައި ހަމަ ކޮންމެހެން ބޭނުން އަސާސީ އޮނިގަނޑެއްކަން،"

އެ ވިދާޅުވާ ވާހަކައަކީ މަޖިލީހަކަށް ވެސް ބޭނުންހާ އެއްޗެއް ނުހެދޭނޭއެވެ. ގާނޫނުއަސާސީއާއި އެ އަސާސީގެ އަސާސީ ސިފަތަކާ ހިލާފުވާނަމަ، ކޯޓަށް އެކަން ބާތިލުކުރެވޭނޭއެވެ.

https://www.sun.mv/202701

ގާނޫނުއަސާސީ ބުނަނީ ކީކޭ؟

ގާނޫނުއަސާސީގައި ހަތަރު ބާރެއްގެ ވާހަކަ އެބައޮތެވެ. އެއީ:

  • ހަތަރުވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު. އެ މާއްދާގައި ބުނަނީ: "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."
  • ފަސްވަނަ މާއްދާގައި ބުނާ ގާނޫނު ހެދުމުގެ ބާރު. އެ މާއްދާގައި ބުނަނީ: "ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ."
  • ހަވަނަ މާއްދާގައި ބުނާ ވެރިކަން ހިންގުމުގެ ބާރު. އެ މާއްދާގައި ބުނަނީ: "މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ."
  • ހަތްވަނަ މާއްދާގައި ބުނާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު. އެ މާއްދާގައި ބުނަނީ: "އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ."

"ގާނޫނު ހެދުމުގެ ބާރު ޖުޑިޝަރީއަކަށް ނޯންނާނޭ"

ވިހިވަނަ މަޖިލިސް: މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައި -- ފޮޓޯ/ މަޖިލިސް

ގާނޫނު ހަދަނީ މަޖިލީހުންނެވެ. ޖުޑިޝަރީއާ ބެހޭ ކަމެއް ނޫނެވެ. ގާނޫނުއަސާސީ އިސްލާހުކުރަން ޖެހުމުން އެކަން ކުރުމުގެ ބާރާއި ހައްގު ވެސް އޮތީ މަޖިލީހަށެވެ. ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ އިޖުރާއަތް އެ އަސާސީގެ 12 ވަނަ ބާބުގައި އެބައޮތެވެ.

"ވަރަށް ޑޭންޖަރަސް ކަމެއް. ސުޕްރީމް ކޯޓަށް ނެތް ބާރެއް ފޯ ދަ ފަސްޓް ޓައިމް ދެނީ،" ތިން ދައުރު މަޖިލިސް މެންބަރުކަން ކުރެއްވި، މިހާރު ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވިއެވެ.

"[ކުރީގެ] ރައީސް [އަބްދުﷲ] ޔާމީން އިރުގައި ވެސް ގެންނެވީނުންތޯ 65 އަހަރުވީމާ ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދައެއް ނުކުރެވޭނޭ ކަހަލަ މާއްދާތަކާއި އެ ނޫން ވެސް ބައެއް [ކަންކަން]. އެހެން ޕާލިމެންޓެއް އައިސްފައި އެ ބަދަލުކޮށްލީނުންތޯ ރަނގަޅުގޮތަށް. އެއީ އަސްލު އެކަން ކުރަން އޮންނަ ގޮތަކީ،"

ދެން އޮތީ އަލީ ހުސައިން އުފެއްދެވި ސުވާލެވެ. ކިތަންމެ ގޯސްކަމެއް ކުރިޔަސް ދެން ކުރާނީ ކީއްހެއްޔެވެ؟ ތިބޭންވީ ހެއްޔެވެ؟

އިންތި ވިދާޅުވީ އެކަން ކުރަން ޖެހޭނީ ހަމަ މަޖިލީހުގެ ތެރެއިންނޭއެވެ. އެއީ، ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ގަބޫލެއް ނުކުރައްވައެވެ. މަޖިލީހުން ގޯހެއް ހެދީމާ އެކަން ރަނގަޅުކުރާނީ ރައްޔިތުންނެވެ. ކިތަންމެ ގޯސްކަމެއް ކުރިއަސް ކޯޓަކަށް ނުދެވޭނެއެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) -- ސަން ފޮޓޯ

"ބައެއް ބޭބޭފުޅުން މިސާލު ނަންގަވާފައި އެ ވިދާޅުވަނީ މި ތަނުގައި އިސްލާމް ދީނެއް ނޫނޭ އޮންނާނީ، އެހެން ވެސް ލިޔެފާނޭ ރައްޔިތުންގެ މަޖިލީހުން. އަޅުގަނޑު މި ދަންނަވަނީ އިސްލާމް ދީން އޮންނަން ޖެހޭނެ ކަމަށް ވެސް ލިޔުނު ބަޔަކީ ރައްޔިތުންގެ މަޖިލީހޭ. ސުޕްރީމް ކޯޓަކުން ނޫނޭ އެއިން އެކައްޗެއް ވެސް ލިޔެފައި އޮންނަނީ،" އިންތި ވިދާޅުވިއެވެ.

"އަނެއްކާ ވެސް އެ މީހުން [މަޖިލިސް] ޖަވާބުދާރީކުރުވަން ނުކުންނަން ޖެހޭނީ، މުޒާހަރާ ވެސް ކުރަންޖެހޭނީ، ޕްރެޝަރު ވެސް ކުރަންޖެހޭނީ. ވެރިކަން ބަދަލުކުރަންޏާ ވެރިކަން ބަދަލުކުރަން ޖެހޭނީ. ދެން ފަހަރަކުން އެ މީހުންނަށް ވޯޓު ނުދީ ރަނގަޅު ބަޔަކު ހޮވަން ވެސް ތިބީ ރައްޔިތުން،"

އިންތި ގަބޫލުކުރައްވާ ގޮތުގައި ކިތަންމެ އަވަސް އަރުވާލައިގެން ވިޔަސް، ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމާ އެކު އެ ސައްހަވީއެވެ. ދެން އިތުރަށް އޭގެ ސައްހަކަން ޔަގީންކުރާކަށެއް ނުޖެހޭނެއެވެ.

އެހެންވީމާ ދެން؟

ދެން ވާގޮތް ގާނޫނުއަސާސީ ލިޔުމުގައި އެހީވި ޕްރޮފެސަރު ޝްމައިޒާ ވެސް އެ އޮތީ ވިދާޅުވެދެއްވާފައެވެ. ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) މީގެ ކުރިން އިންޓަވިއުއެއްގައި ކިޔައިދެއްވި ގޮތުގައި މަޖިލީހުން ގޯހެއް ހެދީމާ ދެން ވާނީ ކިހިނެއްތޯ އެ ބޭފުޅުން އޭރު ވެސް ސުވާލު އުފެއްދެވިއެވެ.

"ދަ މަޖިލިސް ކޭން ޑޫ އެނީތިން ދޭ ވޯންޓް،" ހިނިފުޅުވަޑުވާފައި ޝްމައިޒާ މިހެން ވިދާޅުވީ އެ ސުވާލަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވާނީ މަޖިލީހުންނެވެ. ގާނޫނު ހަދާނީ މަޖިލީހުންނެވެ. ފަނޑިޔާރުން ގޯހެއް ހެދީމާ ފަނޑިޔާރުން ވަކިކުރަނީ ވެސް މަޖިލީހުންނެވެ. މި އުފައްދާ، މި އުފެދޭ ސުވާލަކީ ދެން މަޖިލީހުން ގޯހެއް ހެދީމާ ހަދާނީ ކިހިނެއްހެއްޔޭއެވެ. އަމުދުން މި ވަރުގެ ބޮޑު ގޯހެކެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން: ރައްޔިތުންގެ ބަސް އިއްވާ އެންމެ ބޮޑު ގޮތަކީ އިންތިޚާބުތައް -- ސަން ފޮޓޯ/ މޫސާ ނަދީމް

މަޖިލީހުން ކޮންމެ ކަމެއް ކުރިއަސް ހުއްޓުވާނީ ކާކުހެއްޔެވެ؟ 'ރައްޔިތުންގެ' މަޖިލީސް ވީމާ ލައްކަ ކަންތައް ކުރެވޭނެ ވެސް މެއެވެ.

އިބުރާ ވިދާޅުވި ގޮތުގައި ޝްމައިޒާ ވިދާޅުވީ، އެ މައްސަލައެއް ހައްލުކުރާނީ ދެން އަންނަ އިންތިޚާބެއްގައި ރައްޔިތުން ކަމަށެވެ. މެންބަރުންނަށް އަދަބު ދޭނީ ރައްޔިތުން އިންތިޚާބުގައެވެ. މަޖިލީހަށް ބޭނުން ކަމެއް ކުރެވޭނެއެވެ. އެއީ، 'ރައްޔިތުންގެ' މަޖިލިސް ވީމައެވެ. އެ މަޖިލީހުން ހަދާ ގާނޫނުތައް ރަނގަޅުތޯ ގޯސްތޯ ނިންމޭނެ އިތުރު ބަޔަކު މި ނިޒާމެއް ނުދަނެއެވެ.

މިހާރު އުފެދިފައި މި އޮތް ގޯސް ވެސް އިސްލާހުކުރެވޭނީ ރައްޔިތުންނަށެވެ.

މަޖިލީހަށް ބޭނުންހާ ކަމެއް ވަނީ އެއީ ރައްޔިތުންގެ މަޖިލީސް ވީމައެވެ. އެއީ، ރައްޔިތުންގެ ނިންމުމެއް ގޮތުގައި ނިޒާމު ދަންނާތީއެވެ. އެހެންވެ، އެ ތަނުން ނިންމާ ނިންމުމެއް ކަމުނުދާ ނަމަ، އެކަން ނިންމާނީ ރައްޔިތުންނެވެ. ނިޒާމު މި އޮތް ގޮތުން ދެން އަންނަ އިންތިޚާބެއްގައެވެ.

comment ކޮމެންޓް