ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަޒީރުކަމުން ފައިސަލް ވަކިކުރީ މިދިޔަ މަހު 28 ގައެވެ. ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެކު ކުރިން އޮތް ގާތްގުޅުން އޮތް ނަމަ މިހެން ނުވީސްކަމަށް ވިދާޅުވެ، ގުޅުން ހީނަރުވެފައިވާ ކަމަށް އެއްބަސްވެލައްވާފައެވެ. އޭރު މެލޭޝިއާގައި ހުންނެވި އަބްދުއްރަހީމް ވަގުތުން ދަތުރު ކުރުކޮށްލައްވައި އެރޭ ރާއްޖެ ވަޑައިގަތެވެ.
އެކަމަކު، އޭގެ ފަހުން އެ މައުޟޫއުގައި އެއްޗެއް ވިދާޅެއް ނުވެއެވެ. އެ ފަހުން، ސިޔާސީ ގިނަ ހަރަކާތްތަކުން ވެސް އަބްދުއްރަޙީމް ފެނިފައެއް ނުވެއެވެ.
ފައިސަލް ވަކިކުރާތާ ގާތްގަނޑަކަށް މަހެއްހައި ދުވަސް ފަހުން އަބްދުއްރަޙީމް މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަބްދުއްރަހީމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާ ދެ ބޭފުޅުންނާއި ރައީސް މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ މި ދައުރު ސަރުކާރުން ފޮނުވަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޗެއާޕާސަންކަމުގައި ވެސް ހުންނެވި އަބްދުއްރަޙީމަކީ ކުރިން ރައީސް މުއިއްޒާ އެންމެ އަރިސް އެއް ބޭފުޅާއެވެ.
ދެ ބޭފުޅުންގެ ގުޅުން ގޯސްވެއްޖެ ކަމަށް އަބްދުއްރަޙީމް ވިދާޅުވީ، ދަރިކަލުން މަގާމުން ވަކިކުރެއްވުމުންނެވެ. އޭގެ ފަހުން، އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހާއި އެ ނޫން ވެސް އަބްދުއްރަހީމާ ގާތް ގުޅުން އޮތް ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ދުރުކޮށްފައެވެ. އެއިން އެއްވެސް ކަމަކާ ގުޅިގެން އަބްދުއްރަހީމް އެއްޗެއް ވިދާޅެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައި އެންމެ ފުރަތަމަ އަބްދުއްރަޙީމް އައްޔަންކުރެއްވީ ސީނިއާ މިނިސްޓަރެއްގެ މަގާމުގައި އެ މަނިކުފާނުގެ ޗީފް އެޑްވައިޒަރެއްގެ މަގާމަށެވެ.
މަޖިލީހުގެ ރައީސްކަން އަބްދުއްރަޙީމަށް ދެއްވަން ނިންމެވީ ވެސް ސީދާ ރައީސް މުއިއްޒެވެ.
ވެރިކަމުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެންމެ ގާތް ބޭފުޅަކީ އެ މަނިކުފާނު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަބްދުއްރަޙީމާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވި ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ރައީސް މުއިއްޒު އެ ކަމާ ގުޅިގެން އެއްވެސް އެއްޗެއް އަދިވެސް ވިދާޅެއް ނުވެއެވެ.