މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވަނީ، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާޢީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ.
އެގޮތުން، ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ- ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިޤުތިޞާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ޝިޢާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗާ" އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ޤައުމެއްގެ ޤައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަޤުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، އިޤުތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިޢާރުން އިޝާރާތްކުރާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓާތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާޢީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ލޯ- ކާބަން އިކޮނޮމީއަކަށް ވާޞިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ރާއްޖޭގެ އެނާޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިޤުތިޞާދީ، އިޖުތިމާޢީ، ތައުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުސަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުން އަންނަ ލޮޅުންތަކާއި، އިޤުތިޞާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމައު ހިމާޔަތްކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް އިސްކަންދީގެން ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އާދަކާދަތަކުން ލިބޭ އިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައި ވެސް ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމަޢަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެންނަށް އަދުލުވެރި މުސްތަޤުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާއީ ރޫހު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭކަން ވަނީ ފާހަގަކުރައްވާފައެވެ.