ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެއްވެސް ތާއީދެއް ނެތް ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުވާލަން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ގޮވާލައްވައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސްކުރައްވާ މެންބަރު ފަލާހު ވަނީ ޔާމީނާއި އެ މަނިކުފާނުގެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކުރިން ޔާމީނާ އަރިސްކޮށް މަސައްކަތްކުރެއްވި ފަލާހު ވިދާޅުވީ، އޭރު ވެސް ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއަށް ވަނީ ކިހިނެއްތޯ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކުހުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާ، ޕާޓީ ހިންގުމަށް ދިނުމުން އެ ވަގަށް ނަގާފައިވަނީ އެ މަނިކުފާނު ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
"ރައީސް ޔާމީނަކީ އޭރު ޕީޕީއެމަށް ވެސް ޕީއެންސީއަށް ވެސް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސެންޓު އެ މަނިކުފާނު ވަގަށް ނަގާފައި ކައިފަވީ އިއްޒަތްތެރި ރައީސް. މިއީކީ ހީއަކަށް ދައްކާ ވާހަކައެއްނޫން،" ފަލާހު ތުހުމަތުކުރެއްވިއެވެ.
ހަމަ އެފަދައިން 3،000 މެންބަރުން ހަމަކޮށްގެން، ތިން ހަތަރު އަހަރުވެގެން ދާއިރު ވެސް ޕާޓީއަށް މެންބަރުން އިތުރުނުވާނަމަ އެއީ ސިޔާސީ ޕާޓީއެއްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. އެގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރާއިރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
އޭނާ ވަނީ ވަކި މުއްދަތެއް ކަނޑައަޅާ، އެ މުއްދަތުގައި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލަން ގޮވާލައްވައިފައެވެ.
"މި ގާނޫނަށް އިސްލާޙު ގެންނައިރު އީސީން އެބަޖެހޭ ވަރަށް ބޮޑަށް ރިއާޔަތްކުރަން، ސިޔާސީ ޕާޓީއެއް ފަށަން އޯކޭ 3،000 މީހުން ހަމަކުރަން. އެހެންނަމަވެސް، ފަހުން އެ 3،000 މީހުން ތިބެގެން އެއް އަހަރު ނޫނީ ދެ އަހަރުގެ މުއްދަތެއް ކަނޑައަޅާފައި ޕާޓީއަށް މެންބަރުން އިތުރުކުރާނެ އަދަދުތަކެއް ކަނޑައަޅާފައި އެ އަދަދުތައް ހަމަނުވާނަމަ އެ ޕާޓީއެއް އުވާލަން ޖެހޭނެ،" ފަލާހު ވިދާޅުވިއެވެ.
"3،000 މެންބަރުން އަޅުގަނޑު އެކަނި ވެސް ހަމަކުރާނަން ރ އަތޮޅުން،"
ފަލާހު ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިނުވާ އަދި ރައްޔިތުންގެ ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ދައުލަތުން ލާރި ނަގައިގެން ތަންތަނުގައި "ހަ މީހުންނާ އެކު" ކުދިކުދި ޖަލްސާ ބާއްވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ. އެފަދައިން ފަލާހު އިޝާރާތް ކުރެއްވީ ޕީއެންއެފްއަށެވެ. އެގޮތުން، ޔާމީންގެ ޕާޓީއަށް 3،000 މެންބަރުން ވެސް ހަމަނުވާނެ ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
"ޔާމީނަށް ހީވޭ އިއްޒަތްތެރި ރައީސް، ޔާމީނަކީ ވަރަށް ތާއީދު އޮތް ރައީސެކޭ. މިހާރު ވެސް ރަނގަޅަށް ޗެކްކުރައްވާ. ނުތިބޭނެ އެ ޕާޓީއަކު 3،000 މީހުންނެއް. އަޅުގަނޑަށް ޔަގީން 3،000 މީހުން ނުތިބޭނެ ޔާމީން ޕާޓީއަކު،" އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ ކުރިން ވެސް ފަލާހު ވަނީ ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެގޮތުން، ޔާމީން ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާއިން 'ކުރި ވައްކަމު'ގެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބިރުފުޅު ގަންނަވަނީ 'ވަގަށް ނެގި' ފައިސާތައް އަތުލައިފާނެތީ ކަމަށް ވެސް ފަލާހު މި ފަހުން ވިދާޅުވިއެވެ.
މިހާރު ހުށަހަޅާފައި އޮތް އިސްލާހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭ އަދި އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.
އިސްލާހުގައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށެވެ. އެ ގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.
މިހާރު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
ފަލާހް ކުރިން ޕީޕީއެމްގައި ހުންނެވުމަށް ފަހުގައި 2018ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ޖުމްހޫރީ ޕާޓީއަށް ބަދަލުވީއެވެ. އެއަށް ފަހު، ސިޔާސީ ކަންކަމާ ތަންކޮޅެއް ދުރުގައި ހުންނެވުމަށް ފަހު، އަލުން އެނބުރި ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.