ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާއިން 'ކުރި ވައްކަމު'ގެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، އެ ފައިސާ ހޯދިއްޖެނަމަ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދައްކަން ފަސޭހަވާނެ ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު އެފަދައިން ވިދާޅުވީ، ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅިފައި އޮތް އިސްލާހަށް ބަހުސްކުރައްވައެވެ.
ފަލާހު ވިދާޅުވީ، ޓެކްސް ބޮޑުކުރަނީ ރާއްޖެއަށް އާމްދަނީ އިތުރުކުރަން ކަމަށެވެ. އެހެންކަމުން އާމްދަނީ އިތުރުކުރާ ވާހަކަދައްކާއިރު ބިލަށް ނޫނަސް، ދައުލަތުން ގެއްލިފައި ހުރި ފައިސާގެ ވާހަކަ ވެސް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފަލާހު ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ބައެއް ޕާޓީތަކުން އެބަ ބުނޭ ތިމަންނަމެން ޕާޓީން އޮޅުވާލައިގެން މީހުން ވެއްދީއޭ. ބުނާއިރު އެ ޕާޓީތަކަށް ތިންހާސް ހަމަނުވޭ. އެނގިވަޑައިގަންނަވާނެ ދިވެހި ދައުލަތުގައި މީގެ ކުރިން ތިބި ވެރިން ވައްކަންކޮށްފައި އެ ބޭފުޅުން ވަގަށް ތަންތާ ބަހައްޓާފައި ހުރި ލާރި. އެ ފައިސާ [ދައުލަތަށް] ވެއްދިއްޖެކަމަށް ވަނީނަމަ އަޅުގަނޑު ދަންނަވާނީ ދިވެހި ދައުލަތް ވާނޭ ވަރަށް މުއްސަނދި ދައުލަތަކަށް،" ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި އޭރު އޭނާ ވެސް ހިމެނޭ ކަމަށާއި އެހެންނަމަވެސް އޭރު ކަންވީގޮތް ސާފުނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަޑުއިވޭ، އަޅުގަނޑުމެން ސަރުކާރަށް ނިސްބަތްވޭ، އެހެންނަމަވެސް އޭރު ކަންހިނގިގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ މާ ރަނގަޅަކަށް ފައިސާގެ މުއާމަލާތްތައް ހިނގިގޮތެއް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި 2013 އިން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ފައިސާއިން ވައްކަންކޮށް، 500 މިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ.
"2013 އިން 2018 އަށް އެ ހިނގި ވެރިކަމުގެ ތެރޭގައި އެ ވެރިކަންކުރި ވެރިންގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަހުރި ކަމަށް ވަނީ 500 މިލިއަން ޑޮލަރު،" ފަލާހު ވިދާޅުވިއެވެ.
ދައުލަތަށް ގެއްލިފައި ހުރި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި، ކަމާ ބެހޭ މުއައްސަސާތަކުން ހޯދަންޖެހޭ ކަމަށް ފަލާހު ގޮވާލެއްވިއެވެ. އެ ފައިސާ ނުހޯދައިފިކަމަށްވާނަމަ އެއީ މި ސަރުކާރަށް ވެސް ހެދޭ ބޮޑު ގޯހަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ފައިސާއިން، ދިވެހި ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކޭނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
"މި ފައިސާ ހޯދިއްޖެކަމަށްވަންޏާ އަންނަ އަހަރު އަޅުގަނޑުމެން ދައުލަތުން ދައްކަންޖެހޭ 600 މިލިއަން ޑޮލަރުން ބާކީ ހޯދަން ޖެހޭނީ 200 މިލިއަން. އެ ވާހަކަ އަޅުގަނޑު މި ދައްކަނީ އިއްޒަތްތެރި ރައީސް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން، ޔާމީން 'ވަގަށް ނަގާފައިވާ' ފައިސާއިން ގެކޮޅު ބިނާކުރައްވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.
"އެ ވެރިމީހާ 4،000 އަކަފޫޓުގެ ގޯއްޗެއް މާލޭގައި އެ ހައްދަވަނީ. އެއްވެސް ބޭންކަކުން ނެގި ލޯނެއް ނެތް. އެ ގޭގެ އަގު އަޅުގަނޑަށް ޔަގީން 90 ނޫނީ 80 މިލިއަނަށް ރުފިޔާގެ އަގަށް އަރާނެ،" ފަލާހު ތުހުމަތުކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، އޭސީސީން އެ މައްސަލަ 'ހަލުއިކޮށް' ބަލަން ފަށަންޖެހޭ ކަމަށެވެ.
ފަލާހު އެފަދައިން ތުހުމަތުތަކެއް ކުރައްވާ ފާޑުވިދާޅުވިއިރު ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފުން ކޮންމެ ހަފުތާއަކު ވެސް ޖަގަހަ ޖަލްސާތައް ބާއްވާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ.
ޔާމީނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭއިރު، ދެ މައްސަލައެއްގައި މީގެ ކުރިން ޖަލަށްލާފައިވެއެވެ. އެކަމަކު، މަތީ މަރުހަލާ ކޯޓުން ވަނީ އެ މަނިކުފާނު ސަލާމަތްވެފައެވެ. މިހާރު ވެސް އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއް އަންނަނީ ދަށު ކޯޓުގައި ހިނގަމުންނެވެ.
އޭގެ ތެރޭގައި ހިމެނޭ، ވ. އާރަށް ކުއްޔަށް ދިނުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިން ޔާމީން ސަލާމަތްވީ މި ސަރުކާރު އައި ފަހުން ހައިކޯޓުންނެވެ. ހައިކޯޓުން ވަނީ އެ މައްސަލައިގައި ދަށު ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.
ޔާމީން ގެންދަވަނީ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. ޝަރީއަތުގެ މަރުހަލާތަކުގެ ތެރެއިން މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ.
ފަލާހް، ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއިރު އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ފަލާހް ހުންނެވީ ޕީޕީއެމްގައެވެ. އޭރު ވެސް އޭނާ ހުންނެވީ އިނގުރައިދޫ ދާއިރާގެ މެންބަރުކަމުގައެވެ. އެކަމަކު، 2018 ގެ އިންތިޚާބަށް ފަހު ފަލާހް ވަނީ ޖުމްހޫރީ ޕާޓީއަށް ބަދަލުވެފައެވެ. އެއަށް ފަހު އެނބުރި ޕީޕީއެމް/ޕީއެންސީއަށް ސޮއިކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައެވެ.
ކުރިއަށް އޮތް2026 ވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނީގެ 50 އިންސައްތައަކީ ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ހޭދަކުރި ވަރެވެ. މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކުގެ ބާކީ ފައިސާ ހޭދަކޮށްފައިވަނީ ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ޚަރަދުތައް ހަމަޖެއްސުމަށެވެ.
އެ ސުކޫކުގެ އެއްބައި ހޭދަކޮށްފައި ވަނީ ކުރީގެ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑު" ބޮންޑަށް ދެއްކުމަށެވެ. އެ ބޮންޑަށް 200 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.
އެގޮތުން މި މަހު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު އޮކްޓޯބަރު ހަތްވަނަ ދުވަހު ސަރުކާރުން ދައްކާފައިވެއެވެ.