އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބިރުފުޅު ގަންނަވަނީ 'ވަގަށް ނެގި' ފައިސާތައް އަތުލައިފާނެތީ ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އޭސީސީއާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްުޖުމްހޫރިއްޔާއަށް ދޭ ގޮތަށް ސަރުކާރުގެ ފަރާތުން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފައެވެ.
އެ ކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކުރީގެ ރައީސް ޔާމީން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވާ ފަލާހު ވިދާޅުވީ، އޭސީސީއަކީ މުހިންމު ކޮމިޝަނެއް ކަމަށެވެ. އެހެންނަމަވެސް، މިހާރު މިގައުމު ތަހައްމަލުކުރަމުން ދަނީ އިގުތިސާދީ ގޮތުން ވަރަށް އުނދަގޫ ހާލަތެއް ކަމަށާއި އެ އުނދަގޫ ތަހައްމަލުކުރަން ޖެހުނީ މީގެ ކުރިން ވެރިކަން ކޮށްފައި ތިބި ވެރިން ފަސް އަހަރު ސަރުކާރުތައް ހިންގާފައި ހުރި ގޮތުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ކުރީގެ ރައީސުން ކޮރަޕްޝަން ހިންގައި ބޮޑެތި ވައްކަންތައްކޮށް، ދައުލަތުގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.
އެގޮތުން، 2013 އިން 2018 އާ ދޭތެރޭ ހިންގާފައި ހުރި ޕްރޮޖެކްޓްތައް ހިންގާފައި ހުރީ އެ ޕްރޮޖެކްޓްތަކުގެ އަގާ އެއްވަރަށްތޯ ބަލަންޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
10،000 ރުފިޔާއަށް ހިންގަންޖެހޭ ޕްރޮޖެކްޓެއް އޭރު ހިންގަން ހުރި ވެރިމީހާގެ ޖީބަށް 10 ލާފަ ޕްރޮޖެކްޓަށް 10 ވީމަ 20 ވާނެ އިއްޒަތްތެރި ރައީސް. އެ ކަންކަން ފެންނަން އެބަހުރި. ރައީސް ޔާމީން ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ. އެތައް މިލިއަން ރުފިޔާއެއް މިހާރު ވެސް ދައުލަތުން ނަންގަވައިގެން ރޭގަނޑަށް ހަ މީހުން ލައިގެން ހަ މީހުންނަށް މަހު މުސާރަ ދީގެން އެ ޖަލްސާ އެ ކުރައްވަނީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
މީގެ ކުރިން ވެސް ފަލާޙު ވަނީ ޔާމީން ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާއިން 'ކުރި ވައްކަމު'ގެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ވެސް ފަލާޙު ވިދާޅުވީ، އެ މަނިކުފާނުގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައާއި އެ މަނިކުފާނުގެ ގެކޮޅުގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި އެބަހުރި ކަމަށެވެ.
އެހެންކަމުން ޔާމީން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރައްވަފާނެތީ އެކަމުގެ ބިރަކުން ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޔާމީން އުޅުއްވަނީ، އެ ކޮމިޝަނަށް އައްޔަނުކުރާ ގާބިލު ބޭފުޅުން "ފޮށި ފޮށީގައި ހުރި ލާރި" ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
ރާއްޖޭގެ އެތެރޭގައާއި ރާއްޖެއިން ބޭރުގައި އަދި ގޭގައާއި، ގޭގައި ވެސް ހުންނާނީ ދެ ބަޔަށް. އެއީ އަނބިކަމަނާގެ ކޮޓަރިކޮޅުގައި ވަކި ބައެއް. ފިރިކަލުންގެ ކޮޓަރިކޮޅުގައި ވަކި ބައެއް. ދެ ފޮށި ހުންނާނެ. މި އެއްޗިހި ކޮމިޝަންތަކުން ހޯދަފާނެތީ މި ކަންބޮޑުވަނީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ފަލާހު ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަނޭ ކިޔައި ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. މި ސަރުކާރަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް އެއް އަހަރު ފުރޭއިރު، މިހާތަނަށް ގޯސްކޮށް ކަމެއް ކުރާކަށް އަދި އެހާ ވަގުތެއް ނުވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާކަން ކަނޑައަޅަން ހުށަހެޅުމުން އެ ކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެ މަނިކުފާނު ވަނީ އެއީ އޭސީސީއަށް ނުފޫޒުފޯރުވަން ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. އެއީ ގާނޫނު އަސާސީގެ ބާރުކަނޑުވަން ކުރާ ކަމެއް ކަމަށް ތުހުމަތުކުރެއްވިއެވެ.
މިހާރު ހުށަހަޅާފައި އޮތް ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ނަން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހު ފާސްވެ، އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރު ތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.