ފުލުހުންގެ ބަންދުގައި ހުންނަ މީހަކަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދޭންޖެހޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް: ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހާއަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދޭންޖެހޭ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގުދުރަތީ ކަމެއް ދިމާވެގެން ނޫނީ އެ މީހަކަށް ގެއްލުންވާނެ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ، އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންވެ.

އެ ޖަލްސާގައި ޔާމީން ވިދާޅުވީ، ފުލުހުންނަކީ އަމަން ބެލެހެއްޓުމަށްޓަކައި ރައްޔިތުންނާ އެންމެ ގާތުން ގާނޫނު ތަންފީޒުކުރަން މަސައްކަތް ކުރާ ފަރާތް ކަމަށެވެ. ނަމަވެސް، ފުލުހުންގެ ބައެއް އަމަލުތައް ހުންނަ ގޮތުން، އެ އަމަލުތަކުގައި ނުބައި ނިޔަތެއް ނެތަސް ވަރަށް ނުރައްކާތެރި ހާލަތްތައް ދިމާވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

https://sun.mv/196298

މިސާލެއްގެ ގޮތުން، ޔާމީން ނެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާދަމް އަތުހަރު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި ހާދިސާއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ވަރަށް ނުބައި ޖަރީމާއެއް ހިންގަން އެ މީހަކު އެ އުޅުނީ. އެއީކީ ޓޮލެރޭޓްކުރާނެ ކަމެއް ނޫން. އެހެންނަމަވެސް، ކަންކަން ދިޔަގޮތުން މި ދިޔައީ އިންތިހާއަށް ދެރަވަރުކޮން ދިޔައީ، މިހާރު އޭނަ ނިޔާވީ ދެއްތޯ، ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީގެ ކުރިން ވެސް ފުލުހުންގެ ކަސްޓަޑީގައި ތިއްބާ މީހުން މަރުވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެންމެން ވެސް ފުލުހުން ކުރާ މަސައްކަތަށް އިހުތިރާމުކުރާ ކަމަށާއި ފުލުހުންނަށް ހިތްވަރު ވެސް ދޭ ކަމަށެވެ.

ޔަމީން ވިދާޅުވީ، ފުލުހުން ކުރާ ކަންތައްތަކުގައި ނުބައި ނިޔަތެއް ނެތި ވެސް، ގޯސްކޮށް ކަމެއް ކުރެވިދާނެ ކަމަށާއި ކަމެއްގެ ނަތީޖާ ގޯސްކޮށް ނުކުމެދާނެ ކަމަށެވެ. އަދި، އެ ކަމެއްގެ ނަތީޖާ ގޯސްވެއްޖެ ނަމަ، ފުލުހުންގެ އޮޕަރޭޝަނަލް ކަންތައްތަކާއި އެކަމުގެ އިޖުރާއަތްތަކަށް ރިއާޔަތްކުރުމަށް ފަހު އެ ޚިދުމަތުން ކަންކުރީ ރަނގަޅަށްތޯ ބަލަން ޖެހޭކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެ އެސްއޯޕީއެއްގައި ހުންނަ ކަންތައް ފޮލޯނުކޮށް، އެއިން ބޭރުންކޮށްފި ކަމަށް ވަންޏާމުން އެ މީހުން އެބަޖެހޭ ޖިނާއީ ލައިބިލިޓީ ބޮލުގައި އަޅަން، އެ ދުރަށްލާފައި ކޮށްފައި އޮތް ކަމެއްގެ ނަތީޖާ ނުބައި ވެއްޖިއްޔާ. އެއީ މުއައްސަސާ ރަނގަޅު ކުރެވޭނެ ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ފުލުހުން އެފަދަ މައްސަލަތައް ބެލުމަށް ފަހު ރިޕޯޓުތައް ހެދި ނަމަވެސް ފިޔަވަޅު ނާޅާ ކަމަށެވެ. އަދި، އެ ކަންކަން ނުބެލުމަކީ އޭގެ ޒާތުގައި ޖިނާއީ ކުށެއްކަމަށް ޔާމީން ވިދާޅުވެއެވެ.

https://sun.mv/196299

".....އެސްއޯޕީގެ ބޭރުން ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަން ކަށަވަރުކޮށްދޭން އަދި ފުލުހުންގެ ކަސްޓަޑީގައި މީހަކު ހުއްޓާ ގުދުރަތީ ގޮތުން މީހަކަށް ކަމެއް ދިމާވާ ސިއްހީ ނުރައްކާތެރިކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހާއަށް ގެއްލުންވާ ޚާއްސަކޮށް މަރާ ހަމައަށް ދަތުރުކުރާ ކަންތައްތައް މިކަން ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަތުހަރު، އަންހެނަކު ރަހީނުކުރި މައްސަލައިގައި އޭޑީކޭއާއި އައިޖީއެމްއެޗްގައި ފުރަތަމަ ފަރުވާ ދިނުމަށް ފަހު ގެންދިޔައީ ދޫނިދޫ ޖަލަށެވެ.

އެ ޖަލުގައި އިނދެ، އާދިއްތަ ދުވަހުގެ ރޭ އޭނާ ދަންޖެހިފައި ހުއްޓާ ފެނުމުން ފުލުހުން އޭނާ އައިޖީއެމްއެޗަށް ގެންދިޔައެވެ. އިއްޔެ އައިޖީއެމްއެޗުން ވަނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް 16:08 ހާއިރު މަރުވެފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން ވަނީ އަތުހަރު މަރުވި ގޮތް ހޯދަން އޮޓޮޕްސީއެއް ހަދަން ނިންމައިފައެވެ.

https://sun.mv/196299

ފުލުހުން ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި އަތުހަރު ދަންޖެހިފައި އިންދާ ފުލުހުންނަށް ފެނުނީ، ދަންޖެހުނުތާ 30 މިނެޓު ފަހުންނެވެ.

comment ކޮމެންޓް