ފިހާރައެއްގެ ވަތްގަނޑުން ފައިސާ ވަގަށް ނެގި، ސްރީލަންކާ މީހަކު ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފިއެވެ.
އެ މައްސަލާގައި ބަންދުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ 24 އަހަރުގެ ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީއެވެ.
އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ފިހާރަތަކުން ވައްކަންކުރި ކަމަށް ތުހުމަތުކޮށެވެ.
ކޯޓު އަމުރުގައި ވަނީ، އޭނާ ވައްކަން ކުރި ކަމަށް ތުހުމަތުކުރޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން، މި މައްސަލާގައި ތުހުތުކުރެވޭ ލަންކާ މީހާ ބުނާ ވާހަކައާއި ހުށަހަޅާފައިވާ ބަޔާންތަކާއި ސީސީޓީވީގެ ސްނެޕްތަކުން އޭނާ ފިހާރަ ވަތްގަނޑުން ފައިސާ ނަގާފައިވާކަމަށް ފެންނަ ކަމަށް އަމުރުގައިވެއެވެ.
ނަމަވެސް، އޭނާ ނެގި ފައިސާގެ އަދަދު ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް އޮތް ކަމަށް އަމުރުގައި ބަޔާންކޮށްފައި ވަނީ، ގާނޫނު އަސާސީގެ 49 މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އަދި، އޭނާއަކީ ލަންކާގެ ރައްޔިތަކަށް ވުމުން ގައުމަށް ގޮސް ފިލުމުގެ އިޙްތުމާލެއް އޮތުމުން ކަމަށް ބުނެފައިވެއެވެ.