ފުލުހުންނަށް އަތުހަރު ފެނުނީ ދަންޖެހުނުތާ 30 މިނެޓުފަހުން!

އާދަމް އަތުހަރު: އޭނާ ދަންޖެހިފައި ހުއްޓާ ފެނުމާ އެކު 23 މިނެޓު ތެރޭގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި --

އަންހެނަކު ރަހީނުކުރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރުގެ މަރާއެކު ގިނަ ސުވާލުތަކެއް އަންނަނީ އުފެދެމުންނެވެ. މިއީ އާންމު މުޖުތަމައުގެ ތެރޭގައި ވެސް އުފައްދަމުން އަންނަ ސުވާލުތަކެވެ.

އަތުހަރު މަރުވީ ކިހިނެއްތޯއެވެ؟ ޖަލު ގޮޅީގައީ އޭނާގެ ހަރަކާތްތައް އެންމެ ފަހު ވަގުތު ހުރީ ކިހިނެއްތޯއެވެ؟

އެ ކަންކަމަށް ޖަވާބު ދިނުމުގެ ގޮތުން މިރޭ ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީނުގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާނުގެ އިތުރުން އެހެން ބައެއް އިސް އޮފިސަރުން ނޫސްވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

ގާތް ގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމުނު މި ބައްދަލުވުމުގައި އަތުހަރުގެ ހަރަކާތްތައް އާދިއްތަ ދުވަހުގެ އިރުއޮއްސުނު ފަހުން ހުރި ގޮތުގެ، ސީސީޓީވީ ރޯ ފޫޓޭޖުވަނީ ނޫސްވެރިންނަށް ދައްކައިފައެވެ.

ޖަލު ގޮޅި ތެރެ އޮތް ގޮތް

އަތުހަރު އިށީނދިގެން އިނީ އޭނާ ބަހައްޓައިފައިހުރި ގޮޅީގެ އަށިމަތީގައެވެ. އެ އަށި މަތީގައި ނޫ ކުނަލެއް އަޅައިފައި އޮތްއިރު، ބާލީހެއް ވެސް ބާއްވައިފައި އޮތެވެ.

ސީސީޓީވީ ފުޓޭޖު ދައްކަން ފެށި ހިސާބުން ފެންނަނީ އަށި މަތީ ކެމެރާއަށް ފުރަގަސް ދީގެން އޭނާ އިންތަނެވެ. އޭނާ ލައިގެން ހުރީ ޓީޝާޓަކާއި ސޯޓެކެވެ.

އަތުހަރުގެ ހަރަކާތްތައް

18:31 - އަތުހަރު އަށިމަތީގައި އިށީނދެ އިނދެ މަޑުމަޑުން ހަރަކާތް ކުރާ މަންޒަރު ފެނެއެވެ. ގާތްގަނޑަކަށް ފުރަތަމަ ތިންވަރަކަށް މިނެޓު މަޑުމަޑުން ހުންނަ މަންޒަރު ފެނެއެވެ.

18:33 - ގާތްގަނޑަކަށް 18:33 ހާއިރު އަތުހަރު އަށިން ތެދުވެއެވެ. އެއަށްފަހު ކުޑަދޮރު ކައިރިއަށް ގޮސް އެ ތަނުގައި ބޭރަށް ކުރިމަތިލައިގެން އިރުކޮޅަކު ހުރެއެވެ. އޭރު ވެސް އޭނާގެ އަތުން މަޑުމަޑު ހަރަކާތެއް ފެނެއެވެ.

އޭގެ އިރުކޮޅެއްފަހުން އޭނާ ކުއްލިއަކަށް އަމިއްލައަށް މަރުވުމުގެ މަސައްކަތް ފަށައެވެ. އެގޮތުން ދަންޖެހުމަށްޓަކައި ކުޑަދޮރާ ދިމާލުން ތިރީގައި އިށީނދެއެެވެ. އަދި ދެން ފެންނަނީ އަމިއްލައަށް މަރުވާން ކުރާ އެކި މަސައްކަތްތަކެވެ.

18:35 - މިހާ ހިސާބުން ދެން ފެންނަނީ އަތުހަރުގެ ހަރަކާތް ހުއްޓިފައި އޮންނަ މަންޒަރެވެ. އޭނާގެ ދެފައި ތަޅުންގަނޑު މަތީ އޮތީ ދެމިފައެވެ. މީހާ އިރުކޮޅަކަށް މަޑުމަޑުން ތުރުތުރުލައެެވެ. ފުންކޮށް ދެތިން ފަހަރަކު ނޭވާލާ މަންޒަރު ވެސް ފެނެއެވެ.

އޭގެ ފަހުން އަތުހަރުގެ ހަރަކާތެއް ނެތި ގާތްގަނޑަކަށް 25 އެއްހައި މިނެޓު އެ އޮތްގޮތަށް ހޭދަވެއެވެ.

19:02 - އަތުހަރުގެ ހަރަކާތެއް ނެތްކަން އެ ވަގުތު އެ ތަނަށް ދިޔަ ފުލުހަކަށް ފާހަގަވެއެވެ. އެއާއެކު ތިން ފުލުހުން އެ ތަނަށް ގޮސް، ގޮޅި ހުޅުވައި އަތުހަރުގެ ހޭ ހުރިތޯ ބަލާ މަންޒަރު ފެނެއެވެ. ނަމަވެސް އަތުހަރު ހަރަކާތެއް ކުރާކަން ފާހަގަނުވެއެވެ.

19:04 - ސްޓްރެޗަރެއް ގެނެސް އަތުހަރު އަރުވައިގެން ގެންދެއެެވެ.

----

ފުލުހުންނަށް އަތުހަރުގެ ހަރަކާތްތެއް ނެތްކަން ފާހަގަވެ ސަމާލުކަމަށް އައީ ގާތްގަނޑަކަށް 30 މިނެޓު ފަހުންނެވެ. މިކަން މިހެން މެދުވެރިވާން ދިމާވި ސަބަބު ފުލުހުންގެ ތެރޭގައި ހިންގާ ތަހުގީގާއެކު ހާމަވާނެކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ދޫނިދޫ ގޮޅި ތެރޭގައި އަތުހަރުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ މި ވީޑިއޯގައި އެއްވެސް މިންވަރަކަށް ފުލުހެއްގެ ފަރާތުން އަނިޔާއެއް ކުރި މަންޒަރު ފެނިފައެއް ނުވެއެވެ.

އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމާ ހަމައަށް ވެސް އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާގެ ހާލު ރަނގަޅުކަމަށް ފާހަގަކުރެއެވެ.

މި ހާދިސާއާއެކު އަތުހަރުގެ އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުންތައް ވެސް ހޯމް މިނިސްޓަރު އިހުސާނަށާއި ފުލުހުންނަށް ވަނީ ހިއްސާކޮށްފައެވެ.

އަތުހަރުގެ އޮޓޮޕްސީ ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އިތުރުން ފުލުހުންގެ ތެރޭގައި ވެސް އަންނަނީ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ.

comment ކޮމެންޓް