އަތުހަރުގެ އާއިލާ ދެކޮޅު ނަމަވެސް، އޮޓޮޕްސީ ހެދުމުގެ މަސައްކަތް ފަށައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން: އަތުހަރުގެ އޮޓޮޕްސީ ހަދާނެ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ އޮޓޮޕްސީ ހެދުމާ އޭނާގެ އާއިލާއިން ދެކޮޅު ނަމަވެސް، އަތުހަރުގެ އޮޓޮޕްސީ ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު މިއަދު 16:08ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަތުހަރުގެ ބޭބެ މުޙައްމަދު ތަސްމީން "ސަން"އަށް ބުނީ އޭނާ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށާއި އެހެންވެ، އޮޓޮޕްސީ ހަދަން ބޭނުންނުވާ ކަމަށް ވެސް ތަސްމީން ބުންޏެވެ.

އަތުހަރުގެ މަރާ ގުޅޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގައިދީއަކު މަރުވުމުން އަމަލު ކުރާނެ ސިޔާސަތުތަކަށް މިފަހުން ގެނައި ބަދަލުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.

އިހުސާން އިޝާރާތް ކުރެއްވީ މިދިޔަ ޖުލައި މަހުގެ 28ގައި ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު ކިޔާ މީހަކު މަރުވުމާ ގުޅިގެން ގައިދީންނާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލަކަށެވެ.

https://sun.mv/193712

އެ ބަދަލުތައް ގެނައީ، ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ބަޔަކު ތުހުމަތު ކުރުމުންނެވެ.

އޭނާގެ މަރާ ގުޅިގެން ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ވަނީ، ޖަލުގައި މަރުވާ ކޮންމެ ގައިދާއެއްގެ ހަށިގަނޑު އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ނިންމައިފައެވެ.

އެހެންވެ، އަތުހަރުގެ ހަށިގަނޑުވެސް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް އިހުސާން މިރޭ ވިދާޅުވިއެވެ.

އެހެންވެ، އަތުހަރުގެ އޮޓޮޕްސީ ހެދުމުގެ މަސައްކަތްތައް ފަށައިފައިވާކަން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން ފާހަގަކުރެއްވިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ ރޭ 19:02 ގައެވެ. ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވި ކަމަށާއި ތިން މިނެޓު ފަހުން ސްޓްރެޗާއަށް ލައިގެން އޭނާ ގޮޅިން ނެރެ 19:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލި ކަމަށް އެ ޓައިމްލައިންގައި ބުންޏެވެ.

އޭގެ އަށް މިނެޓު ފަހުން ފުލުހުން ވަނީ ލޯންޗުގައި އަތުހަރު މާލެ ގެންގޮސްފައެވެ. އެއަށް ފަހު 19:25 ގައި އައިޖީއެމްއެޗް އިމަޖެންސީގައި އަތުހަރަށް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.

އަތުހަރުގެ މަރުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް