ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިޚުލާސްތެރިކަމެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހީމް އިއްޔެ ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެ ޕާޓީގެ ބަޔާނުގައިވަނީ، ފަލަސްތީނަށް އެހީ ފޮނުވުމުގައާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އަޑުއުފުލުމުގައިއާއި، ފަލަސްތީނުގެ ހައްގުގައި އަޅާނޭކަމަށް އިއުލާނުކުރި ފިޔަވަޅުތައް އެޅުމުގައި ވެސް މި ސަރުކާރުން ފަހަތުފަޔަށް ބުރަވެ، އިހުމާލުވެފައިވާ ކަމަށެވެ.
އެ ޕާޓީން ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.
"މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށްވާއިރު، އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ އެ މާއްދާގެ ދަށުން ހުއްދަ އަމަލެއް ނޫނެވެ،" ބަޔާނުގައިވެއެވެ.
އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި މި ސަރުކާރު އުފެދުނު ދުވަހުން ފެށިގެން ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަންނަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ.
"ޚަބަރު ފަތުރާ ވެބްސައިޓުތައް ބަންދުކުރުމާއި، ނޫސްތަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމާއި، މީހުންގެ ސިޔާސީ ވިސްނުމަށް ބަލައި އެކަހެރިކުރުން ފަދަ އަމަލުތައް ތަކުރާރުކޮށް ފެންނަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރަމެވެ،" އެމްޑީޕީން ބުނެފައިވެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ މެދު ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ ހަމްދަރުދީއަކީ އާންމު ޖަޒުބާތެއް ކަމަށާއި އެ ޖަޒުބާތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ގާނޫނު ހުއްދަކުރާ އަމަލެއްގެ ސަބަބުން ހިފައި ހައްޔަރުކުރެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، އެމްޑީޕީން ވަނީ ޝާދިޔާއާއި ޝަޒުރާ ދޫކޮށްލުމަށް ގޮވައިލައިފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ހިމެނެއެވެ.
އެ ދެ މީހުންގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ.