ޝާދިޔާއާއި ޝަޒުރާގެ ބަންދަށް ތިން ދުވަސް ޖަހައިފި

ފުލުހުން އާންމުކުރި، ޝާދިޔާ އާއި ޝަޒުރާގެ ފޮޓޯތަކެއް: އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން މައްޗަށް ތިން ދުވަސް ޖަހާފައި -- ފޮޓޯ/ ފުލުހުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް އިއްޔެ ހައްޔަރުކުރި ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ ބަންދަށް މިއަދު ތިން ދުވަސް ޖަހައިފިއެވެ.

އެ ދެ މީހުންގެ ބަންދާމެދު 'ސަން'އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

އެ މީހުން އިއްޔެ އަޑުގަދަ ކުރަމުން ދިޔަ ސަރަހައްދުން ސުލްހަވެރިކަމާއެކު ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެހެންވެ، އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ޝާދިޔާ އާއި ޝަޒުރާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި, އެ މައްސަލައިގައި މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް، ރާއްޖެއިން ފައިބަން ގޮވާލައި، އެ ސަފީރުގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/196109

ރާއްޖޭގައި އުޅޭ ސަފީރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް