މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އުފެދުނުތާ މިއަދަށް 12 އަހަރު ފުރުނު އިރު، އެ ޕާޓީން ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޚްމަދު ސިޔާމް މުހައްމަދު ދެއްވައިފިއެވެ.
އެމްޑީއޭގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި އެމަނިކުފާނު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ އެންމެހާ މެންބަރުންނަށާއި، ޕާޓީގެ ލޮބުވެތި މެންބަރުންގެ އިތުރުން ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭއަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ގައުމުގެ ތަރައްގީއާއި، ކުރިއެރުމަށް މަސައްކަތްކުރުމަށް އުފެދިފައިވާ ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ. އެ މަތިވެރި މަގުސަދުގައި އެ ޕާޓީއަށް މިއަދާ ހަމައަށް ވެސް ދެމިތިބެވުނީ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ތާއީދުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެހެންކަމުން އެ ޕާޓީން ހިފަހައްޓަމުން އަންނަ އުސޫލުތަކުގައި ވަރުގަދައަށް ހިފަހައްޓައި، ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ މެންބަރުންނަށް އަރުވާ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.
ސިޔާމް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެ ޕާޓީއަށް ތާއީދުކުރުމުގައި ސާބިތުވެތިބި އެންމެހާ ބޭފުޅުންނާއި، ޕާޓީ ކުރިއެރުވުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ އެންމެހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަޅުގަނޑުގެ އިޚުލާސްތެރި ދުއާއަކީ، މި ޕާޓީއަށާއި، މި ޕާޓީގެ ލޮބުވެތި އެންމެހާ މެންބަރުންނަށް އަދި ދިވެހި ގައުމަށް ހުރިހާ ދާއިރާއެއްގައި ކުރިއެރުމާއި ކާމިޔާބީ މާތްﷲ މިންވަރު ކޮށްދެއްވުން، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދު
އެމްޑީއޭ އުފެދިގެން އައީ މީގެ 12 އަހަރުކުރިން، ޑިސެމްބަރު 20، 2012ގައެވެ.
ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީ ދެ ދާއިރާ ތަމްސީލުކުރާއިރު، މިއަހަރު އެ ޕާޓީން ވަނީ ޕާޓީ އިތުރަށް ކުރިއަރުވައި، މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.