ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތަށް ޑިމޮކްރެޓްސްއިން އެހެން ސިޔާސީ ޕާޓީތަކާ ގުޅެން ނިންމައިފިއެވެ.
އެ ޕާޓީން އެހެން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑިމޮކްޓެސްއިން ބޭއްވި ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުގައި ފާސްކުރި ގަރާރަކުންނެވެ.
އެ ގަރާރު ހުށަހަޅާފައި ވަނީ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ.
އެ ގަރާރުގައި ވަނީ އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރު ހަމަ މަގަށް އަޅުވަން ނިންމި ސަބަބުތައް ހާމަކޮށްފައެވެ. އެއީ:
- ސަރުކާރުގައި އޮތް ސިޔާސީ ޕާޓީއެއް ކަމުގައި ނުވެ، އިދިކޮޅުގައި މަސައްކަތް ކުރަމުން ދިޔަ ޕާޓީއެއް ކަމުގައިވުމާއި ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ބޭއިންސާފުވެ، ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކޮށް ކުރަމުން ދިޔުން
- ސަރުކާރު އައުމުގައި ވެފައިވާ ވައުދުތައް ނުފުއްދުމާއި ވައުދާއި ޚިލާފުވަމުންދިޔުން
- ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔަތަށް ގެއްލުން ބޮޑު އެތައް ކަމެއް ސަރުކާރުން ކުރަމުން ދިޔުމާއި ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަން އިތުރުވަމުން ދިޔުން
- ގާނޫނު އަސާސީން ތަރުތީބުކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް، ދައުލަތުގެ މުއައްސަސާތައް ރައީސްއަށް ކޮންޓްރޯލް ލިބޭގޮތަށް ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ކުއްލި ބަދަލެއް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ދޮރުތައް ބަންދުކުރުން
އެ ކަންކަމަކީ ޒިންމާދާރު ސަރުކާރަކުން ކޮށްގެންވާނެ ކަންތައްތަކަށް ނުވާތީއާއި އެކަންކަން އެގޮތަށް ކުރަމުން ގެންދަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި ނުވަތަ ގަސްތުގައި ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުނެއެވެ.
އެހެންވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީތަކާ ރައްޔިތުންގެ ޒިންމާއެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.
އެ ޕާޓީ ދެމިއޮތް މަގުސަދާއި ކުރަމުންދާ މަސައްކަތް ކާމިޔާބުކޮށް ހާސިލުކުރުމަށްޓަކައި، ސަރުކާރު ހަމަ މަގަށް އަޅުވައި ޒިންމާދާރު ކުރުމުގެ މަސައްކަތް ފުޅާ ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާ ޖަމިއްޔާތަކާ އެއްބަސްވެވޭ ހަމަތަކެއްގެ މަތިން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.