ޑޮލަރު ރޭޓު މިހާރު މަތިވެގެން އުޅެނީ އެމްޑީޕީން ފައިސާ ޗާޕުކޮށް، އެ ބެހީމާ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ވިދާޅުވީ، އޭރު ފައިސާ ޗާޕު ކުރަމުން ދިޔައީ ކުރިމަގަށް ނުވިސްނައި، މިހާރު ކުރި މަގަށް ވިސްނާ ކަމަށް ---- ފޮޓޯ/ ސަރުކާރު

މިހާރު ޑޮލަރު ރޭޓު މައްޗަށް އަރައިގެން އުޅެނީ އެމްޑީޕީ ސަރުކާރުން ކުރިމަގަށް ނުވިސްނައި ފައިސާ ޗާޕުކޮށް, އެ ފައިސާ ބަހާފައިވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ދަތިކަން ކަމަށްވާ ކޮވިޑް-19ގެ ވަބާގައި ޑޮލަރުގެ ރޭޓު އުފުލުނަ ނުދީ ހިފެހެއްޓުނު ކަމަށާއި އެހެންކަމަށް ވާނަމަ މި ސަރުކާރަށް ޑޮލަރުގެ ރޭޓު އުފުލުން ނުހުއްޓުވޭންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުންނެވެ.

އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ކުރީ ސަރުކާރުން އަމަލުކުރި ގޮތަށް މި ސަރުކާރަށް ވެސް ޚަރަދުތައް ހަމަޖެއްސުމަށް އަށް ބިލިއަން ނުވަތަ 10 ބިލިއަން ރުފިޔާ ޗާޕު ކުރެވިދާނެ ކަމަށެވެ. އަދި، ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑުކޮށް، 20 މިލިއަން ރުފިޔާ ވެސް ޗާޕު ކުރެވިދާނެ ކަމަށާއި ދައްކަން ހުރި ހުރިހާ ބިލަކަށް އޭރުން އެއްފަހަރާ ފައިސާ ދައްކާ ނިންމިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: މިހާރު ޑޮލަރު ރޭޓު އަރައިގެން އުޅެނީ ފައިސާ ޗާޕުކޮށް، ބަހަމުން ދިޔުމުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވޭ --- ސަން ފައިލް ފޮޓޯ

ނަމަވެސް، މާދަމާއަށް ނުވިސްނައި ބޮޑެތި އަދަދުތަކުން ފައިސާ ޗާޕު ކުރަމުން ދިޔުމުން އޭގެ އަސަރު ކުރަނީ ރާއްޖެއަށް ވަަންނަ މަދު ޑޮލަރަށް ކަމަށާއި މިހާރު ފެންނަނީ އެމްޑީޕީން އެގޮތަށް ނުވިސްނުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކޮވިޑް ތެރޭގައި އެމްޑީޕީ ސަރުކާރަށް ލިބުނު ބޭރުގެ ހިލޭ އެހީއެއްގެ އިތުރަށް އެތައް ބައިވަރު ލޯނުތަކެއް ނަގައި، ހަތަރު ފަސް ވަރަކަށް ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ބޭނުންވި ބަޔަކަށް ބަހާލާފައިވާ ކަމަށެވެ.

ފައިސާ ޗާޕު ކުރަމުން، ބަހަމުން ބަހަމުން ދިޔައީ. މީގެ ސަބަބުން ފޮރިން ކަރަންސީއަށް އަންނާނެ ޕްރެޝަރަކަށް ނުވިސްނާ. މާދަމާ ވާނެ ގޮތަކަށް ނުވިސްނާ، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

އިތުރަށް އޭނާ ވިދާޅުވީ، އިގުތިޞާދީ ގޮތުން ރާއްޖެ މިހާ ބޮޑަށް ދަތިވާން ޖެހުނީ މިދިޔަ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ވައްޓާލާފައި އޮތް ފުން އަނދަވަޅުގެ ސަބަބުންނާއި ނެތް ފައިސާއިން ކަންތައް ކުރަން އުޅުމުން ކަމަށެވެ.

https://sun.mv/195927

އެމްއެމްއޭ އަށް މީހަކު ވަންނަނީ: މިހާރު ޑޮލަރު ރޭޓު އަރައިގެން އުޅެނީ ފައިސާ ޗާޕުކޮށް، ބަހަމުން ދިޔުމުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވަނީ ސަރުކާރާ ހަވާލުވިއިރު، މާލީ ހާލަތުގެ ތިން ކަމެއް 'ބޮއްސުން' ލާފައިވާ ކަމަށް ސިފަކުރައްވާފައެވެ. އެއީ، ފައިސާ މެނޭޖްކުރުމާއި ރިޒާވް ބެލެހެއްޓުމުގެ އިތުރުން މުޅި ހިންގުމުގެ ނިޒާމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި، ޑޮލަރުގެ އަގު އުފުލިފައި އޮންނަތާ މަސްތަކެއް ވެފައިވާއިރު، ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމިކަން މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްއިން އިއުލާނުކުރުމާ އެކު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއާ ގާތަށް ވެސް އުފުލުނެވެ.

ބީއެމްއެލްއިން ފަހުންވަނީ، އެމްއެމްއޭގެ އިރުޝާދަށް އެ ނިންމުން ބަދަލުކޮށްފައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް، ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.

comment ކޮމެންޓް