ކޮވިޑްގެ ހާލަތުގައި ވެސް ޑޮލަރުގެ ރޭޓު މައްޗެއް ނުވޭ، މިހާރު ވެސް ހިފެހެއްޓެންޖެހޭނެ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވެސް ޑޮލަރުގެ ރޭޓު މަތި ނުވާ ކަމަށާއި، މިހާރު ވެސް ހިފެހެއްޓެންޖެހޭނެ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ ސަރުކާރުގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސޯދީ ދަތިކަން ކަމަށްވާ ކޮވިޑް-19ގެ ވަބާގައި ޑޮލަރުގެ ރޭޓު އުފުލުނަ ނުދީ ހިފެހެއްޓުނު ކަމަށާއި، އެހެންކަމަށް ވާނަމަ މި ސަރުކާރަށް ޑޮލަރުގެ ރޭޓު އުފުލުން ނުހުއްޓުވޭންވީ ސަބަބެއް ނެތް ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ، މިހާރު ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ކަންކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް އުފުލިފައިވާއިރު މިހާރު އަގުތައް ހުރީ 18.50 އާއި 18.85 ރުފިޔާއާ ދެމެދުގައެވެ.

މި ބައްދަލުވުމުގައި، މި ސަރުކާރުގައި ޑޮލަރުގެ ރޭޓު މަތިވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުން ކަމަށް ބުނާބުނުމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލަށް ޖަވާބުދެއްވައި އަމީރު ވިދާޅުވީ، ޑޮލަރުގެ އަގު މަތިވެގެން އުޅެނީ އޭރުގައި ނޫން ކަމަށެވެ.

ޑޮލަރުގެ އަގު މަތިވެގެން މިއުޅެނީ މިހާރު ދޯ؟ 2020 ގައި ކޮވިޑްގެ އެންމެ އެންމެ އުނދަގޫ ދަނޑިވަޅުގައި ވެސް އަޅުގަނޑު ހަނދާން ވަނީ ގާތްގަނޑަކަށް 19 އަށް ނާރާކަން ޕެރެލަލް މާކެޓު، އިބްރާހީމް އަމީރު

އަމީރު ވިދާޅުވީ ޑޮލަރުގެ ރޭޓު މިހާރު ގާތްގަނޑަކަށް 19 އަށް އެރިއިރު ޓޫރިޒަމުން ލިބޭ އާމްދަނީއާއި ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓިފައިވާ ކަމަށާއި ކޮންސްޓްރަކްޝަން އެއްވެސް މަސައްކަތެއް ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިން އައުން ފިޔަވައި ރާއްޖޭގެ އިގްތިސޯދު އެއްކޮށް ހުއްޓިފައިވާ ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް ޑޮލަރުގެ މާކެޓު ގޯސްވަމުންދާންޖެހޭ ސަބަބާ ގުޅޭގޮތުން އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އަމީރު ވިދާޅުވި ގޮތުގައި އޭގެ އަސްލު ހަގީގަތަކީ، ދައުލަތުން އެކަންތައްތައް ކުރަން ތިބި ބަޔަކަށް އެކަންކަން ރަނގަޅަށް ކުރަން ނޭނގުމެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ޖޫން މަހުގަ އެންމެފަހުން ވީކްލީ ފިސްކަލް ރިޕޯޓަށް ފަހު، ފިނޭންސް މިނިސްޓްރީން އެއްވެސް ވަރަކަށް ޕަބްލިޝްކުރިހެން އެ ރިޕޯޓެއް. އެ ރިޕޯޓު ހެދިހެން ވެސް، އެ ރިޕޯޓެއް ނުހަދާ. މިނިސްޓަރަކަށް ވެސް ރައީސަކަށް ވެސް، ކެބިނެޓުގަ ތިއްބަވާ ބޭފުޅަކަށް ވެސް ދައުލަތުގެ މާލީ ހާލަތު ހުރިގޮތް އެނގިވަޑައިގަންނަވާނީ ކިހިނެއްތޯ އެއީ ސުވާލެއް، އިބްރާހީމް އަމީރު

އަމީރު ވިދާޅުވީ އޯވާޑްރާފްޓް (އޯޑީ) ލިމިޓް އިތުރުކުރުމަކީ ވެސް ބައެއް ހާލަތްތަކުގައި އިގްތިސޯދީގޮތުން ބޭނުންކުރެވޭ ޓޫލްއެއް ކަމަށެވެ. އެހެންވެ ކޮވިޑްގެ ދަތި ދަނޑިވަޅުގައި ފައިސާ ޗާޕު ކުރަން ނިންމީ ކަމަށް އަމީރު ވިދާޅުވިއެވެ.

ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަމީރުގެ ޖަވާބާ ގުޅުވައިގެން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ ފާހަގަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑޮލަރުގެ އަގު އެއްވަރެއްގައި ހިފަހައްޓާނެކަމަށް މީގެ ކުރިން ވިދާޅުވި ކަމަށެވެ.

...ވިދާޅުވި، ދެން ޑޮލަރުގެ އަގެއް ބޮޑެއް ނުވާނެއޭ. އެހެންވީމަ އަޅުގަނޑު ހިތުން ދެން ބޮޑެއް ނުވާނެ. އެކަމަކު މި ފެންނަނީ ހަމަ ކޮންމެ ދުވަހަކު ޑޮލަރުގެ އަގު ބޮޑުވަމުންދާތަން. އެ ދުވަހު ވަރަށް ގަދައަށް އެ ވިދާޅުވީ ދެން މިއޮތީ މެނޭޖުކޮށްފައޭ، ނިމުނީއޭ. ހުސައިން މުހައްމަދު ދީދީ

އެހެންނަމަވެސް މިއަދު ޑޮލަރުގެ އަގު ބޮޑުކުރުމަށް ފަހު ދެން މި ސަރުކާރުން ބުނަމުންދަނީ "އެމްޑީޕީ ސަރުކާރޭ، އެމްޑީޕީ ސަރުކާރޭ" ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުން ވެސް އެނގެނީ މިއީ އަމާޒެއް ނެތި، އެއްވެސް މިސްރާބެއް ނެތި ކުރިއަށްދާ ސަރުކާރެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން މިފަދައިން ވާހަކަދެއްކިއިރު، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ބޭންކްގެ ބޯޑުން ވަނީ ނިންމާފައެވެ. އެ ނިންމުމާ އެއްގޮތަށް އެ ބޭންކްގެ ކާޑުތަކުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓު ބޮޑުތަނުން ދަށްކުރުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކާ އަގު މިވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

https://sun.mv/195924

މިހާ ބޮޑަށް އަގުތައް މައްޗަށް އެރީ ބޭންކުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއެކީގައެވެ. އެގޮތުން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުލިބޭނެއެވެ.

އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުލިބޭނެއެވެ. އޭގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރެވެ.

ބީއެމްއެލުން ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެގޮތުން ރާއްޖޭގައި ކުރެވޭ މުއާމަލާތްތަކަށް 250 ޑޮލަރުގެ ލިމިޓަކާއި، ބޭރުގައި ކުރެވޭ މުއާމަލާތްތަކަށް 750 ޑޮލަރު ކަނޑައެޅިއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ ތިން މަސް ތެރޭ ޑޮލަރު ލިމިޓު ބޮޑުކޮށް، އޭގެ ފަހުން ލިމިޓު އުވާލާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރެވިފައި ނުވެއެވެ.

comment ކޮމެންޓް