އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުﷲ (ގައްބަރޭ) މިއަދު ދޫކޮށްލައިފިއެވެ.
ރޭގެ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެކަމާ ގުޅުވައި ސުވާލުކުރުމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު 'ސަން'އަށް ވިދާޅުވީ، ގައްބަރޭގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކޮށް، އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި، ސަޒީން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕްޝަން.. މަންޗަންގޯލި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ހައްޔަރުކުރުން: އޭނާ ދޫކޮށްލީ ރޭގެ ވަގުތެއްގައި ---- ފޮޓޯ/އެމްޑީޕީ
އެމްޑީޕީން ރޭގެ ޖަލްސާ ވެސް ހަރުގެ ސަރަހައްދުން ފެށިއިރު، ޗާންދަނީ މަގުގެ ވަކި ހިސާބަކުން ވަނީ ބެރިކޭޑު ޖަހައި، މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔުން ހުއްޓުވައިފައެވެ.
ބެރިކޭޑުތައް ކައިރީ ފުލުހުން މަޑުކޮށްގެން ތިބިއިރު، މުޒާހަރާގެ ބައިވެރިން ބެރިކޭޑަށް ވުރެ ކުރިއަށް ދިޔުމަށް މަސައްކަތް ކުރިއެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން އެ މީހުން ކޮށްޕައި، ބިންމައްޗަށް ވައްޓާލި ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
ހޮނިިހިރު ދުވަހުގެ ރޭ އޮތް މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކުރި ކަމަށް އެމްޑީޕީން ބުނެ، އެކަން ކުށްވެރިކޮށްފައިވެއެވެ.
އެމްޑީޕީގެ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖާކުރި ގޮތާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.