ވައްކަން ކޮށްފައި އޮތް ލިސްޓަކަށް ފުލެޓެއް ނުދެވޭނެ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވިދާޅުވީ ވައްކަންކޮށްފައި އޮތް ލިސްޓަކަށް ފުލެޓެއް ނުދެވޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ދޫކޮށްފައި ހުރި ފުލެޓުތައް ދިން މީހުންގެ ލިސްޓުގައި ހިމެނޭ ގިނަ މީހުންނަކީ 'ވައްކަންތައް'ކޮށްގެން ލިސްޓުގައި ތިބި މީހުން ކަމަށާއި އެފަދަ ލިސްޓަކަށް ފުލެޓު ދޫނުކުރެވޭނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުން އެކުލަވައިލި ފުލެޓާއި ގޯތީގެ ލިސްޓާ އެއްގޮތަށް އެ ތަންތަން ދޫކުރުން ލަސްވާތީ އެ ޕާޓީގެ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކޮށްފައެވެ. އެ ޕާޓީން އަންނަނީ މާލޭ މީހުންނަށް ގޯތި ދިނުން ލަސްވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފުލެޓުތައް ދޫކޮށްފައި އޮތީ ޕާޓީއަށް ތާއީދުކުރާ މީހުންނަށް ކަމަށެވެ. އަދި، އެއީ އިންސާފުން ކޮށްފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އޭނާ ފާހަގަކުރެއްވި އެއް ކަމަކީ މާލޭގައި ވަކި އަހަރެއް ވަންދެން ދިރިއުޅުނު ކަމަށް ބުނެ ދޮގު ލިޔުން އުފެއްދުމެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ސަން ފޮޓޯ: އަމަން ލަތީފް

"އޭގެ ތެރޭގައި މި އޮންނަނީ، މާލޭގައި ވަކި އަހަރެއް ވަންދެން ދިރިއުޅެފައި ހުރި މީހެއްކަމުގައިވުން... މި ދެންނެވި ޝަރުތުތަކުގެ ތެރެއިން އެމްޑީޕީއާ ގުޅުންހުރި ކައުންސިލްތަކުން އެ ބޭފުޅުން މި ހުންނަނީ ލިޔުން ގެނެސްފައި،" ޝުޖާއު ތުހުމަތުކުރެއްވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ފުލެޓު ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ 60 އިންސައްތަ މީހުންނަކީ އެ ފަދައިން ވައްކަންކޮށްފައިވާ މީހުންނެވެ.

"ކިހިނެއްތޯ އަޅުގަނޑުމެން އެ ކަހަލަ ވައްކަންތައް ކޮށްފައި ހުރި މީހުން ހިމެނޭ ލިސްޓަކަށް ފުލެޓު ދޭނީ. ނުދެވޭނެ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުން މާލޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށާއި އެކަން އެންމެ ރަނގަޅަށް ތަޖުރިބާކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

https://sun.mv/195402

އެ ގޮތުން، އެ މަނިކުފާނު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރުގައާއި ފަހުން މާލޭގެ މޭޔަރުކަން ކުރެއްވިއިރުގައި ވެސް މާލޭ މީހުންގެ ހާލު ވަރަށް ގާތުން ބެއްލެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ވެރިކަމުގައި ފުލެޓާއި ގޯތި ވެސް ދޫކުރާނީ އިންސާފުން އޭގެ އެންމެ ހައްގުވެރިންނަށް ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ އެމްޑީޕީން ކަންބޮޑުވެގެން އުޅެނީ ފުލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ނުލިބިގެން ނޫން ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން އުޅެނީ އެ ޕާޓީއަށް ނިމުނު ވެރިކަމުގައި ގޯތި ދީ، ފުލެޓުތައް ނުނިންމުނުކަން ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

ޝުޖާއު ވަނީ އެމްޑީޕީއަށް ފަސް އަހަރުގެ ވެރިކަމެއް ނިންމާލިއިރު ހުޅުމާލެއިން ގޯތި ދޫނުކުރެވުނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

https://sun.mv/195387

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގައި އަޅާ 4،000 ފުލެޓު ދިނުން ލަސްވާތީ މި ފަހުން ވެސް މާލޭގައި ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، ފުލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ އެ ކޮމިޓީން މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.

އެކަމަކު، ސަރުކާރުން ވަނީ ފުލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމަށް ބުނެފައެވެ. މިނިސްޓަރު މިއަދު ވެސް ވަނީ އެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް