މާލޭ މީހުންނަށް ގޯތި ދިން ގޮތަކީ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް: ފަލާހް

ޕީއެންސީގެ ޕީޖީ ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު: އޭނާ ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމަކީ އެންމެ ބޮޑު ޚިޔާނާތް ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މާލޭ މީހުންނަށް ގޯތި ދިނުމަކީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުން އެކުލަވައިލި ފުލެޓާއި ގޯތީގެ ލިސްޓާ އެއްގޮތަށް އެ ތަންތަން ދޫކުރުން ލަސްވާތީ އެ ޕާޓީގެ މެންބަރުން މިއަދު ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކޮށްފައެވެ. އެ ޕާޓީން އަންނަނީ މާލޭ މީހުންނަށް ގޯތި ދިނުން ލަސްވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހް ވިދާޅުވީ، ލިސްޓެއް ހެދުމާއި ގޯތި ދިނުމާ އެއީ ދެ ކަމެއް ކަމަށެވެ.

މިދިޔަ ސަރުކާރުގައި ގޯތި ތަކެއް ދޫކޮށްފައިނުވާ ކަމަށާއި ހަމައެކަނި ކުރި ކަމަކީ ކަރުދާސްގަނޑެއްގައި ލިސްޓެއް އެކުލަވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އޭރު ދޫކުރި ގޯތިތައް ހުރި ބިންތަކަކީ ހިއްކާފައި ވެސް ނެތް ބިންތަކެއްކަން ފާހަގަކުރައްވައި އޭނާ ވަނީ އެއީ ޚިޔާނާތެއް ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ސަން ފޮޓޯ: އަމަން ލަތީފް

"މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބޮޑު އެއް ޚިޔާނާތުގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ،" ފަލާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 1،000 އަކަފޫޓުގެ ބިމެއްގެ ބިމުގެ އަގު 10 ވަރަކަށް މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އޭގެ 9،100 ގޯތި ދޫކުރުމަކީ އިންސާފެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ގޮތުން، ހުޅުމާލެއިން އެކަނި ދޫކުރި ގޯތިތަކުގެ އަގަށް ވެސް 5.4 ބިލިއަން ރުފިޔާ އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ގޯތި ދޭނަމަ، އެންމެންނަށް އެއް ހަމައަކުން ގޯތި ދޫކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ފަސޭހަ ކަމެއް ކަރުދާސްގަނޑެއްގައި ރަޖިސްޓްރީއެއް ހަދާފައި ދިނުމަކީ،" ފަލާހް ނުރުހުން ފާޅުކުރެއްވިއެވެ.

"ގުޅީފަޅު، ގިރާވަރުފަޅު، ތަންތަނުން މި ހުރީ ނުހިއްކާ ވަރަށް ގިނަ ބިންތަކަކުން ވެސް. ޚާއްސަކޮށް ހުޅުމާލޭ ކަހަލަ ރާއްޖޭގެ ރައްޔިތުން ޝާމިލުވާ ގޮތަށް ދައުލަތަށް ލިބިފައި ހުރި ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިއްކާފައި އޮތް ބޮޑު ސިންގާ އަގުބޮޑު ބިމަކުން ހަމަ ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް މަހަކަށްވެ، ދެ މަހަށްވެފައި އޮއްވައި މި އޮތީ ގޯތިތަކެއް ދޫކޮށްފައި،"

https://sun.mv/195387

މީގެ އިތުރުން، ފަލާހް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޮތީ ކުރީ ސަރުކާރުން ދޫކުރަން އުޅުނު ފުލެޓުތަކުގެ މަސައްކަތް ހުއްޓުވާފައި ކަމަށެވެ.

އެ ފުލެޓުތަކުގެ މަސައްކަތް އޭސީސީ މެދުވެރިކޮށް ސަރުކާރުން ހުއްޓުވީ ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭރު ކަންތައްތައް ކޮށްފައި އޮތީ އިންސާފުން ނޫން ކަމަށެވެ. އޭނާ ވަނީ މިދިޔަ ސަރުކާރުން ގެންގުޅުނު ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

comment ކޮމެންޓް