ދެވަނަ ފިޔަވަހިން ދޫކުރާ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގެ ނިޔަލަށް ހަވާލުކުރެވޭނެ: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ: މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް 2ކުން ދޫކުރާ ހުރިހާ ގޯއްޗެއް އޮކްޓޯބަރުގައި ހަވާލުކުރެވޭނެ ކަމަށް -- ފޮޓޯ/ މަޖިލިސް

މިދިޔަ އެމްޑީޕީ ސަރުކާރު ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައިވާ ހުރިހާ ގޯއްޗެއް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ހައިދަރު މިފަދައިން ވިދާޅުވީ މިދިޔަ ސަރުކާރުން ދޫކުރި ފުލެޓުތަކާއި ގޯތިތަކާ ގުޅޭ ގޮތުން ސުވާލުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކުރުމުންނެވެ. ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ހައިދަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭންޖެހޭ ހުރިހާ ގޯއްޗެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ.

ހައިދަރު ވިދާޅުވި ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިންތައް ދޫކޮށްފައިވަނީ މަގުތަކަށް އަރާ ގޮތަށާއި އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ސަރަޙައްދުތަކުންނެވެ. އަދި، ބައެއް ގޯތިތައް ކަނޑުންނާއި ފަޅުން ވެސް ދީފައިވާއިރު، އެއީ ގޯތީގެ ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ދޫކުރި 18 ގޯއްޗާ އެކު ހުޅުމާލެއިން ދޫކުރި ޖުމްލަ ގޯތީގެ އަދަދު 624އަށް ވަނީ އަރާފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ހައިދަރު ހާމަކުރެއްވި ގޮތުގައި ކުރީ ސަރުކާރުން 699 ގޯތި ދީފައިވަނީ ފަޅުންނެވެ. ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުކުރާނީ ބިން ހިއްކުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުންނާއި ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. މި ސަރުކާރަށް ހަގީގަތުގައި މި ޖެހެނީ މި ތަންތަން ގޯއްޗަށް ބަދަލުކުރަން. އެހެންވީމާ މި ސަރުކާރުން ބިން ހިއްކައިގެން ގޯތިތަކަށް ބަދަލުކުރާނެ،ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

ހަމައެއާ އެކު ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޭން ނިންމާފައިވާ ގޯތިތައް ހަވާލުކުރަން ފެށޭނީ މި އަހަރުގެ ނޮވެމްބަރު މަހު ކަމަށް ހައިދަރު ވިދާޅުވިއެވެ.

ހުޅުމާލެއިން 1،408 ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ނިންމިއިރު، މިދިޔަ އަހަރު 465 ގޯތި ދޫކޮށްފައިވެއެވެ. އަދި، މި އަހަރުގެ މިހާތަނަށް 159 ގޯތި ދޫކޮށް، ޖުމްލަ 624 ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓުތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ، މާލޭގެ ރައްޔިތުން މުޒާހަރާ ވެސް ކުރިއެވެ. މި ސަރުކާރުން ފުލެޓު ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ފުލެޓު ލިބުނު ގިނަ ބަޔަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، ފުލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ އެ ކޮމިޓީން މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.

އެކަމަކު، ސަރުކާރުން ވަނީ ފުލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމަށް ބުނެފައެވެ. މިނިސްޓަރު މިއަދު ވެސް ވަނީ އެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް