އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު "ތާށިވެފައި" ކަމަށް ބުނެ އެމްޑީޕީގެ ކަންބޮޑުވުން

އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު "ތާށިވެފަ" ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި: މިއަދު އެ ޕާޓީގެ ޕީޖީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޒިޔާދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އެ ކަން ކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު، ކޮމިޓީ މަރުހަލާގައި "ތާށިވެފައިވާ" ކަމަށް ބުނެ މިއަދު އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް އެ މައްސަލަ ދިރާސާކުރަން ފޮނުވިތާ މަހެއްވީއިރު އަދިވެސް އެ މައްސަލަ ކޮމިޓީގައި އެޖެންޑާއެއް ނުކުރެއެވެ.

މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެހެން މަޖިލިސްތަކާ ޚިލާފަށް ވިހި ވަނަ މަޖިލީހުގައި ކަންކަން ވަރަށް އަވަހަށް ނިމިގެންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް މަޖިލީހުގައި ކުރިއަށް ނުގޮސް "ތާށިވެފައި" އޮތީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން މަޖިލިސްތަކާ ތަންކޮޅެއް ތަފާތު. މިސާލަކަށް މިއަދު ލީ ބިލު މިއަދުން މިއަދަށް ވެސް ކޮމިޓީއަށް ފޮނުވާލެވިއްޖެ. މި މަޖިލީހުގައި ތާށިވެގެން މި އުޅެނީ އެންމެ ބިލެއް. އެއީ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު. އެ އިސްލާހު އަދިވެސް އެ އޮތް ކޮމިޓީއެއްގައި އެބައޮތް. އެންމެ ބައްދަލުވުމެއް ވެސް އަދި ނުވަސް ބޭއްވޭ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު "ތާށިވެފަ" ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި: މިއަދު އެ ޕާޓީގެ ޕީޖީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މެންބަރު ޒިޔާދު ވިދާޅުވީ، ސަމޯއާ އެގްރިމަންޓުގައި ސޮއިކުރުމަށް ޓަކައި އެއް ގަޑިއިރުތެރޭ ކޮމިޓީގެ ދެ ބައްދަލުވުމެއް ބާއްވާ، އެ ދުވަހުން އެ ދުވަހަށް އެ މަސައްކަތް ނިންމާލި ކަމަށެވެ.

ނަމަވެސް މަހެއްވީއިރު ވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހުގެ ބިލު ކޮމިޓީގައި އެޖެންޑާކޮށްފައި ވެސް ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ އެ ބިލަށް ސަރުކާރުގެ މެންބަރުން މަޖިލީހުގައި ރަނގަޅަށް ބަހުސް ވެސް ކޮށްފައިނުވާ ކަމަށެވެ. އެ ކަމުގެ ސަބަބެއްގެ ގޮތުގައި އެ މެންބަރުން ދެއްކެވީ "އެ ބިލުގެ ބަހުސްގައި ބައިވެރިނުވީ އެ ބިލު އަވަސްކުރަންވެގެން" ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ނިންމީ، އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނާށެވެ.

ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ މަހު 10 ގައެވެ.

https://sun.mv/194036

މީގެ ކުރިން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް އެޖެންޑާކޮށްފައިނުވާ ކަމަށާއި މައްސަލަތައް އަންނަ ތަރުތީބުން އެޖެންޑާ ކުރަމުންދާ ކަމަށެވެ. އަދި ހަފުތާއެއް ފަހުން ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ މެންބަރު ވިދާޅުވިއެވެ.

ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމީ އެކަން ކުރަން ގޮވާލައި މުޒާހަރާ ވެސް ކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް