ބަދަލުދިން މައްސަލައިގައި ޞާލިހާއި، ފައްޔާޒު އަދި ޝިޔާމްގެ މައްސަލަ ތަހުގީގުކުރަން ޕީޖީން އޭސީސީއަށް އަންގައިފި

ކުރީގެ ރައީސް ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ޝިޔާމް: ބަދަލުދިން މައްސަލައިގައި އެ ތިން ބޭފުޅުންގެ މައްސަލަ ތަހުގީގުކުރަން އަންގައިފި --

ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި، އެ ތިން ބޭފުޅުންގެ މައްޗަށް ތަހުގީގެއް ހިންގަން ޕީޖީއަށް އެންގީ މި މަހުގެ 12ގައެވެ. އެގޮތުން މަޖިލީހުން ފާސްކުރީ މައްސަލަ ބަލައި ތަހުގީގެއް ހިންގައި، ދައުވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ދައުވާކުރުމަށް ޕީޖީއަށް އެންގުމަށެވެ.

https://sun.mv/200151

އެކަމާ ގުޅިގެން ޕީޖީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ނޮވެންބަރު 17، 2018އިން ފެށިގެން ނޮވެންބަރު 17، 2023ގެ ނިޔަލަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އަދި އެކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް އެ އޮފީހުން ރިއާޔަތް ކުރުމަށްފަހު، އެ ކަންކަމަކީ އޭސީސީއަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ކަމަށް ފެންނާތީ، ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ޑިސެންބަރު 17، 2024ގައި އޭސީސީއަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

https://sun.mv/200443

އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީއާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުން ދެން ފާސްކުރީ:

  • 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ނިންމުމަށް.
  • އެއްބަސްވުންތަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް.
  • މާލިއްޔަތު ގާނޫނާ ޚިލާފަށް އެއްވެސް ބަޔަކަށް ބަދަލު ދީފައިވާނަމަ އެވެސް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް.

އެކަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް އެންގުމާއެކު އެ އޮފީހުން ބުނީ، އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް އޭޖީ ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެކަން އަންގަވާފައިވާ ކަމަށެވެ.

އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވައިލެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައެވެ.

އަދި އެ ކޮމިޓީ މި ސަރުކާރުން އުވާލައި، އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަނައިބުގެ ލަފައާއެކު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް