އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސްގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަންނަ ފެބްރުއަރީ މަހު އެގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފައިވަނީ އެގައުމުގެ އެކްސްޓާން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގަރީޓާ އެވެ. އެއީ، އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ކުރާ މުއާމަލާތްތަކާ ގުޅޭ ގޮތުން ލޮކް ސަބާއިން ސުވާލުކުރުމުން، އެ ސުވާލަށް މިނިސްޓްރީން ފޮނުވި ޖަވާބުގައެވެ.
އެ ސުވާލުގައި ވަނީ، ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހާ މެދު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް ދިނުމަށް ވަކިން އަހައިފައެވެ.
އެ މައުލޫމާތާއެކު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، ލޮކްސަބާގެ ރައީސްގެ ދައުވަތަށް، މަޖިލީހުގެ ވަފުދަކާއެކު އަންނަ ފެބްރުއަރީ މަހުގެ 10ގައި އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާއެކު ކަމަށްވެފައި، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނައިބު ވަޒީރުންތަކެއް އެގައުމުގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
އެއާއެކު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ކެމްޕެއިނެއް ފަށައި، އެގައުމުގައި ރާއްޖޭގެ މަގުބޫލުކަން ދަށަށް ދިޔައެވެ.
އެއަށް ފަހު މި ސަރުކާރުން ވަނީ ދެ ގައުމުން ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އެކަން ކާމިޔާބުވެފައިވާ ކަމަށް ވެސް ބުނެފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖޫން މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.