އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކޮމިޓީއަށް ފޮނުވިތާ މަހެއް: އަދިވެސް އެޖެންޑާ ނުކުރޭ

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: މައްސަލަ ކޮމެޓީއަށް ފޮނުވިތާ މަހެއްވިއިރު ވެސް އެޖެންޑާއެއް ނުކުރޭ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އެ ކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ފޮނުވިތާ މަހެއްވީއިރު އަދިވެސް އެ މައްސަލަ ކޮމިޓީގައި އެޖެންޑާއެއް ނުކުރެއެވެ.

ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ މަހު 10 ގައެވެ.

އެކަމަކު، އެ މައްސަލަ ކޮމިޓީއަށް ފޮނުވިތާ މަސް ދުވަސްވާން ކައިރިވީއިރު އަދިވެސް އެ މައްސަލަ އެޖެންޑާކުރެވޭނެ ދުވަހެއް ނޭނގެއެވެ. ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަހުން ވެސް ކޮމިޓީގެ ހަތަރު ބައްދަލުވުމެއް ބޭއްވިއެވެ. އެއިން ބައްދަލުވުމަކަށް ވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް އެޖެންޑާކޮށްފައިނުވާ ކަމަށެވެ.

https://sun.mv/192738

"މައްސަލަތައް އަންނަ ތަރުތީބުން އެޖެންޑާ ކުރަނީ، އެހެންވީމާ ހަފުތާއެއް ފަހުން ކުރާނެ ކަމަށް ބެލެވެނީ،" އެ މެންބަރު ވިދާޅުވިއެވެ.

ކޮމިޓީއަށް އިޒްރޭލު ޕާސްޕޯޓު މައްސަލަ ފޮނުވި ފަހުން ފުރަތަމަ ބައްދަލުވުމެއް ބޭއްވީ މިދިޔަ މަހުގެ 25 ގައެވެ. އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ދާޚިލީ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރާށެވެ. ޖެހިގެން އައި ދުވަހު ވެސް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއިރު، އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ބޭފުޅުންނާ ބައްދަލުކުރުމެވެ.

241 ކޮމިޓީ: އެ ކޮމިޓީއަށް އިޒްރޭލު ޕާސްޕޯޓު މައްސަލަ އަދިވެސް އެޖެންޑާއެއް ނުކުރޭ -- ފޮޓޯ/ މަޖިލިސް

ކޮމިޓީގެ ހަވަނަ ބައްދަލުވުން ބޭއްވީ މި މަހު އެއްވަނަ ދުވަހުއެވެ. އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ދާޚިލީ ވުޒާރާއާއި ފުލުހުންނާ ބައްދަލުކުރުމެވެ. ޖެހިގެން އައި ދުވަހު ވެސް ބައްދަލުވުމެއް ބޭއްވިއިރު އެ ދުވަހު ވެސް އެޖެންޑާކޮށްފައި އޮތީ ފުލުހުންނާ ބައްދަލުކުރާށެވެ.

https://sun.mv/193052

ގާނޫނަށް އިސްލާހު ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރަން ވަޒީރުންގެ މަޖިލީހުގައި ޚާއްސަ ކޮމިޓީއެއް ވެސް އުފައްދައިފައެވެ.

އެ ކޮމިޓީގައި ހިމެނެނީ:

  • ދާޚިލީ ވަޒީރު އަލީ އިހުސާން
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
  • ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރާނެކަން އިއުލާނުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

https://sun.mv/193192

އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ނިންމީ، އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނާށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނަމަވެސް އިޒްރޭލު އެންމެންނަށް ނާދެވޭ ގޮތް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަންޖެހޭ ކަމަށް ބަންޑާރަނައިބު އުޝާމް ވަނީ ވިދާޅުވެފައެވެ. އެކަން ކުރާއިރުގައި އިގުތިސާދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަންޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާސިމް ވެސް ވިދާޅުވިއެވެ.

ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމީ އެކަން ކުރަން ގޮވާލައި މުޒާހަރާ ވެސް ކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް