އިޒްރޭލް ޕާސްޕޯޓު މަނާކުރާ ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވައިފި

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް -- ފޮޓޯ/ މަޖިލިސް

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރަން ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް މިއަދު ފޮނުވައިފިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރަން ގާނޫނު އިސްލާހުކުރާ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އެ ބިލަށް ބަހުސްކުރިއިރު، ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކުރަން ގޮވައިލާ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ތާއީދުކުރައްވާފައެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 88 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ފަލާހުގެ ހުށަހެޅުމާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމުގެ ބަދަލުގައި އެ ބިލު ދިރާސާކުރުމަށް ޚާރިޖީ ކޮމިޓީއަށް ފޮނުވައިގެން އަވަސް ކުރެވިދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ދިރާސާކުރަން 241 ކޮމިޓީގެ ބަދަލުގައި ޚާރިޖީ ކޮމިޓީން އަވަސްކުރެވޭނެ ކަމަށް -- ފޮޓޯ/ މަޖިލިސް

އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ޚާރިޖީ ކޮމިޓީއަށް ފޮނުވައިގެން އެ ބިލުގެ މަސައްކަތް އަވަހަށް ފާސްކުރެވިގެންދާނެ ކަމަށެވެ. އެގޮތުން، މަޖިލީހުގެ ރައީސްގެ އަތްމަތީގައި ވެސް އެ މައްސަލަ ފޮނުވާނީ ކޮން ކޮމިޓީއަށްކަށްކަން ނިންމުމުގެ ބާރު އެބައޮތް ކަމަށް ނާޒިލް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ގާނޫނަށް ބަދަލެއް ގެންނައިރު ގައުމަށް ލިބިދާނެ އިގްތިސޯދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވަނީ ގޮވާލައްވާފައެވެ.

ނާޒިމް ވިދާޅުވާ ގޮތުގައި މަޖިލީހުން މެންބަރުން ނިންމާ ނިންމުން ވާންޖެހެނީ ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިގުތިސޯދީ ގޮތުން ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ.

https://sun.mv/193046

ހަމައެއާއެކު އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވާނީ ވަރަށް ވިސްނާފައި ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް މިއަދު ވިދާޅުވެފައިވެއެވެ. ގާސިމް ވަނީ ބިލާ މެދު ހިތްހަމަނުޖެހޭފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން، އޭނާ ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހެޅިއިރު ވިސްނަންވާ ވަރަށް ވިސްނާފައިނުވާ ކަމަށެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތެއްގެ ފަހުން، އިޒްރޭލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ދިން ހަމަލާއަކަށް ރައްދު ދިނުމަށް، ހަނގުރާމަވެރިން ގަތުލުކުރުމަށް ކަމަށް ބުނެ ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36,800އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް