ކުރީ ސަރުކާރުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ކަމަކަށް އިންވެސްޓެއް ނުކުރޭ: މަމްދޫހު

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު: އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް އިންވެސްޓްކޮށްފައެއް ނެތް ކަމަށް -- ފޮޓޯ/ މަޖިލިސް

ނިމިދިޔަ ސަރުކާރުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ކަމަކަށް އިންވެސްޓްކޮށްފައި ނުވާކަމަށް ފުނަދޫ ދާއިރާގެ، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ މިހާރު ރާއްޖެއަށް މާލީ ދަތިތައް ކުރިމަތިވެފައިވަނީ ބޮޑެތި އަދަދުތަކުން ނަގާފައި ހުރި ލޯނުތައް ދައްކާނެ ގޮތެއް ނެތުމުން ކަމަށެވެ.

މި ލޯނުތައް ދެއްކޭނެ ރަނގަޅު ނިޒާމެއް މިވަގުތު ރާއްޖޭގައި ގާއިމުކުރެވިފައި ނެތްކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، މާލީ ގޮތުން އެކަންތައް ކުރާނެ ގޮތްތަކެއް ބަޔާންކޮށްފައި ވިޔަސް، އެ ގޮތްތަކަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

https://sun.mv/193742

މިދިޔަ ސަރުކާރުގައި އިންޓްރެސްޓު ރޭޓު ބޮޑުކޮށް ލޯނުތައް ނެގިއިރު ވެސް، މާލީ ހާލަތުން އަރައިގަތުމަށް އެއްވެސް މަސައްކަތެއްް ކޮށްފައި ނުވާކަމަށާއި، މާލީ ހާލަތު އިތުރަށް ގޯސްވާނެ އެތައް ކަމެއް ކޮށްފައިވާ ކަމަށް މަމްދޫހު ވަނީ ތުހުމަތު ކުރައްވާފައެވެ.

މަޖިލިސް: މަމްދޫހު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް އިންވެސްޓްކޮށްފައެއް ނެތް ކަމަށް ---- ފޮޓޯ/ މަޖިލިސް

"އާމްދަނީ އިތުރުކުރަން ހުރި ބައިވަރު ކަންތައްތަކެއް ދޫކޮށް، އެންމެ ކަމެއް އާމްދަނީ އިތުރުކުރުމަށް އޭރު ފާހަގަކުރެވިފައި ހުރި ކަންތައްތަކުގެ ތެރެއިން ކުރެވިފައި މި އޮތީ. މާލީ އިސްލާހީ އެޖެންޑާގައި 2022، 2023ގައި ފާހަގަކުރެވިފައި ހުރި އެތައް ކަމެއް ދޫކޮށް، ޖީއެސްޓީ ބޮޑުކުރުން ފިޔަވައި އާމްދަނީ އިތުރުކުރަން އެއްވެސް ކަމެއް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ރިކަރަންޓު ޚަރަދު ފޫބައްދަން ލޯނުތައް ނަގަމުން ގޮސް ބައެއް ގައުމުތަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އަދަދުތަކުން ލޯނުތައް ދައްކަން އެބަ އޮތް ކަމަށެވެ.

ލޯނުތައް ނެގުމަށް ރައްޔިތުންނަށް ހާމަކުރާ ސަބަބާ ޚިލާފަށް، އެހެން ބޭނުންތަކަށް އެ ފައިސާ ބޭނުންކޮށްފައި ހުރިކަން ފެންނަން އެބަހުރި ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ ޚަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފައެވެ.

https://sun.mv/193663

އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމާއި އިތުރު ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް އެމަނިކުފާނު އޭރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީއެއް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހު އިއުލާންކޮށްފައެވެ. އެ ސްޓްރެޓެޖީގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޖީއެސްޓީ ނަގާ ގޮތް ފުޅާކޮށް، ޖީއެސްޓީ ރޭޓަށް ބަދަލު ގެނައުން ހިމެނެއެވެ.

comment ކޮމެންޓް