ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ހުއްޓުވުމަށާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު މަދުކުރުމަށް ގޮވައިލާ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްލައިފިއެވެ.
މިއީ މި ދެ ހަފުތާ ތެރޭ މަޖިލިސް ތަޅުމުން ބަލައިނުގަނެ ބޭރުކޮށްފައިވާ އެމްޑީޕީގެ ތިންވަނަ ކުއްލި މައްސަލައެވެ.
މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
އެއާއެކު މިއަދު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ އެ މައްސަލައާ ގުޅުން ހުރި، ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން އައްޔަނުކުރުން ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
އެ ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބަލައިގަނެ ބަހުސްކުރަން ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އެއީ އެމްޑީޕީ މެންބަރުންގެ އަދަދެވެ. އެ މައްސަލަ ބަލައިނުގަތުމަށް 57 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މައުރޫފް ހުށަހެޅި މައްސަލައިގައިވަނީ، ދައުލަތުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ދަށުގައި ހިފެހެއްޓުން ކަމަށްވާއިރު، އެ އަދަދު މިހާރު 2،000 އަށްވުރެ އިތުރު ކަމަށް ބައެއް މީހުން ފާހަގަކުރާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. އަދި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ރައީސަށް ލިބިދީފައިވާ ބާރު އޭގެ ނާޖާއިޒު ގޮތުގައި ހިއްޕަވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މިފަދަ ދަނޑިވަޅެއްގައި ގިނަ އަދަދަކަށް ސިޔާސީ މީހުން އިތުރުކުރަމުންދާތީ އެ ކަމުގައި ހުރި ގޮންޖެހުންތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކަށް އިންތިހާއަށް އިތުރުކޮށްފައިވާ މުވައްޒަފުންނާއި ހޭދަވާ މުސާރަ ސާފުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީ އަރިހުން އެދުމުން އެ މައުލޫމާތު ދިނުމަށް އިންކާރުކޮށް އިދިކޮޅު އެމްޑީޕީން 3 ޖުލައިގައި ހުށަހެޅި މައްސަލަވެސް ވަނީ ބޭރުކޮށްފައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މި މައްސަލައިގައި މިދިޔަ 19 ވަނަ ދައުރުގެ ފަހުކޮޅު ޕީއެންސީއާ ގުޅިވަޑައިގެން އޭރުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރުކަން އިއްޔެ ދީފައިވާތީ އެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންނާއި އެމްޑީޕީން ކަންބޮޑުވުން އެބައޮތް ކަމަށާއި ވަގުތުން އެކަން ހުއްޓާލުމަށް އެ މައްސަލައިގައިވަނީ ގޮވާލާފައެވެ.
މި މައްސަލައިގައި އެމްޑީޕީން ހުށަހެޅި ދެ މައްސަލަ ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްފައިވާއިރު، އިއްޔެ ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފައެވެ.
ޕީއެންސީން ބުނާ ގޮތުގައި މަޖިލީހުގައި ބޭކާރު މަސައްކަތްތައް ކުރުމަށް ފުރުސަތެއް ނުދޭނެއެވެ. އެއީ އެމްޑީޕީން ކުރަމުންދާ 'ފިނޑި' އަމަލެއް ކަމަށާއި އެއީ މަޖިލީހުގައި ކުރަން ހުރި މުހިންމު މަސައްކަތްތަކަށް އެމްޑީޕީން ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަތައް ހުށަނޭޅޭ ގޮތް ހަދަން ވަނީ ޕީއެންސީން ގޮވާލާފައެވެ.
ވިހިވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ކާމިޔާބުކުރުމަށް ފަހު ސަރުކާރުން މީގެ ކުރިން ބުނީ، މި މަޖިލީހަކީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ހުށަހެޅޭ މައްސަލަތަކަށް ބަހުސްކޮށް އެ ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވާނެ ކަމަށެވެ. ވަކިން ޚާއްސަ ގޮތެއްގައި ސަރުކާރާ ދެކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް ވެސް ހަމަހަމަކޮށް ފުރުސަތުތައް ދީގެން މަސައްކަތްކުރާނެ މަޖިލީހަކަށް ވާނެ ކަމަށެވެ.