ސުއޫދު ރައީސަށް ސިޓީ ފޮނުއްވީ ސިޔާސީ ބޭނުމުގައި: ޕީއެންސީ

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި: ސުއޫދު ރައީސަށް ސިޓީ ފޮނުއްވީ ސިޔާސީ ބޭނުމުގައިކަމަށް ޕީއެންސީން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު، އޭނާގެ އިސްތިއުފާގެ ސިޓީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީން ބުނެފިއެވެ.

ސަސްޕެންޝަނުގައި ހުރި ސުއޫދު އިއްޔެ އޭނާގެ އިސްތިއުފާގެ ސިޓީ އެންމެ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ ރައީސަށް ފޮނުވި ސިޓީ ބަލައިނުގަންނަ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ، ތިން ބާރުގެ ތެރެއިން ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވާއިރު، އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުން ކަމަށެވެ.

ނަމަވެސް، ސުއޫދު ފަނޑިޔާރުކަމުގައި ވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި އެކްޓިވިޒަމްގެ އުސޫލުތައް ކަން، އިއްޔެ އިސްތިއުފާދިނުމުގައި އަމަލުކުރެއްވި ގޮތުން ސާފުވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި އިސްތިއުފާދެއްވުމަށް ކަމަށް ބުނެ، ގާނޫނުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކުރާ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިފައި ވަނީ އެވަގުތު ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށްޓަކައި ކަމީ، ފަނޑިޔާރު ސުއޫދު ސިޔާސީ ވާދަވެރިކަމުގެތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއްކަމުގައި މި ޕާޓީން ދެކެމެވެ،" އެ ބަޔާނުގައި ވެއެވެ.

ފަނޑިޔާރު ސުއޫދާމެދު އަމަލުކުރާނީ އެހެން ފަނޑިޔާރުންނާ މެދުވެސް އަމަލުކުރަމުންދާ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ، ފަނޑިޔާރަކާމެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ ޖޭއެސްސީން ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ވެސް ބަލައި ގޮތްނިންމަން ޖެހޭނީ ޖޭއެސްސީންކަމަށާއި މިއީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ހުއްޓެންޖެހޭ ކަންކަން ނޫންކަން އެ ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ވަނީ، މިނިވަން މުއައްސަސާތަކަށް އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނޫ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް ދެއްވާފައި ވާކަމަށެވެ.

އަދި އެފަދަ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީދާއިރާއަށް ނުފޫޒުފޯރުވުން ނޫންކަމަށާއި އެއީ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގުންކަމަށް އެ ބަޔާނުގައި ވެއެވެ.

ގާނޫނުއަސާސީއާއި ގާނޫނުތައް ނެގެހެއްޓުމުގައި އަދި އެ ނިޒާމު ހިނގަންޖެހޭގޮތަށް ހިނގުމުގައި ރައީސް ދައްކަވާ ނަމޫނާއަށް ޕީއެންސީން ވަނީ މަރުހަބާ ކިޔައި ޝުކުރު އަދާކުރައްވައިފައެވެ.

https://sun.mv/203310

ރައީސާއި ޖޭއެސްސީއަށް ވެސް ފޮނުއްވި ސިޓީގައި ސުއޫދުވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާއިރު، އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެެވެ.

ސުއޫދު އިސްތިއުފާ ދެއްވީ ޖޭއެސްސީން މިދިޔަ ބުދަ ދުވަހު އޭނާ ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބުނީ ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުުރުން ޖޭއެސްސީން ވެސް އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

comment ކޮމެންޓް