ކައުންސިލަރުންގެ ކުރިން މަދުކުރަންވީ ސިޔާސީ މަގާމު: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ކައުންސިލަރުންގެ ކުރިން މަދުކުރަންވީ ސިޔާސީ މަގާމުތައް ކަމަށް -- ފޮޓޯ/ އެމްޑީޕީ

ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރެވިދާނެ ކަމަށާއި އެކަމަކު ފުރަތަމަ ކުރަންވީ ކަމަކީ ސިޔާސީ މަގާމުތައް މަދުކުރުން ކަމަށް އިދިކޮޅު އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވަނީ ބޮޑެތި ބަދަލުތަކެއް އިއުލާނުކުރައްވައިފައެވެ.

އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، ކައުންސިލްތައް ކުޑަކޮށް، މިނިވަން މުއައްސަސާތައް ވެސް މަދުކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބާއްވަން ހުށަހަޅުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ،" ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކަމާ ގުޅިގެން ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، "ދެބޯގެރި" ދުއްވުމުގެ ބަދަލުގައި ސަރުކާރުން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށެވެ. އަދި، ރައްޔިތުން ބަލައިގަންނާނެ ފަދަ ހަރުދަނާ ބަދަލުތަކަށް އިދިކޮޅު އެމްޑީޕީން މަރުޙަބާ ކިޔާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމުގެ އިގުތިސާދީ ހާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން ގެންނަން ހުށަހަޅާފައިވާ މާލީ ބަދަލުތަކުގައި އިޚުލާސްތެރި ކަމެއް ނެތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުންވަނީ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. މި ކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައި އޮތީ މި ސަރުކާރުން މާލީ އިސްލާހުތައް ތަންފީޒު ކުރުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވާނެ ކަމަށާއި ދަރަނި ވެސް އަދާކުރެވޭނެ ކަމަށެވެ.

މި ކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު، ރައްޔިތުން "ހިތިބޭސް ބޯންޖެހޭ" ވާހަކަ ދެއްކެވުމަކީ، ރައްޔިތުންގެ އިތުރުން އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ ކަމެއް ކަމަށެވެ.

https://sun.mv/194049

ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދަން ރައީސް މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ކަންކަން ހާމަކުރައްވައި، ހާލަތު އޮތްގޮތް މުޅިން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރަށްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން، ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ، މި ކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މި ވަގުތު ވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް،" ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ ޗެއާޕާސަން

މީގެ އިތުރުން، ވިޔަފާރިތަކާއި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް ވެސް އޭނާވަނީ ވިދާޅުވެފައެވެ.

ސްޓޫޑެންޓް ލޯން ސްކީމްގައި ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ޕީއެންސީގެ ސުޕަމެޖޯރިޓޯ އޮންނަ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ 59 މެންބަރުންގެ ވޯޓުންނެވެ.

https://sun.mv/194062

ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު މާލީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީއާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

comment ކޮމެންޓް