މަޖިލީހުގެ ސައިޒު ކުޑަކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ: ރައީސް

މަޖިލީހުގެ ސައިޒު ކުޑަކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކޮށް، ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ގައުމަށް ކަތާވަރުގެ ގޮތަކަށް ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ "ސައިޒު" ކުޑަކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ކުރަން ވިސްނާ އިރު ވެސް މާ ކުޑަކޮށްލީމަ ވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް އަދަދު. އެއީ 77 މެމްބަރުން،" ރައީސް ވިދާޅުވިއެވެ.

މަޖިލީސް ރައްޔިތުންގެ އަދަދު ގިނަނުވާގޮތަށް އިސްލާހު ގެނައުމުން، މަޖިލީހުގެ ޚަރަދު ރިކަރަންޓު ބަޖެޓުން ކުޑަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އަދަދު ކުޑަކުރަން ޖެހޭކަމަށް ވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކޮށްފި ނަމަ، ރައްޔިތުންގެ އަޑު ކެނޑިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމައި ރަށެއްގެ 300 މީހުން 500 މީހުން 1000ހާ މީހުންގެ ރަށެއްގައި ފަސް މީހުން ހަތް މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް ރައީސަކާއި ނައިބު ރައީސެއް ހޮވުމުން އަބާދީގެގޮތުން ކުޑަ ރަށްތަކަށް ފުދޭނެ ކަމަށެވެ. އަދި ސިޓީތަކަށް އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށްލި ކަމުގައި ވީނަމަވެސް މިހާރަށް ވުރެ ރައްޔިތުންނަށް ފައިދާ ބޮޑުކޮށް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް ހޮވާ ގޮތަކީ މާނައެއް ނެތް ގޮތެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް އަތޮޅު ކައުންސިލްގެ މެމްބަރަކަށް ހިމެނޭ ކަމަށާއި ދެން ހުންނަނީ އަތޮޅު ކައުންސިލްގެ ރައީސް ކަމަށެވެ.

"އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ގިނަ ފަހަރަށް އޮންލައިންކޮށް ނޫނީ ނުބޭއްވެ. ކައުންސިލްގެ ރައީސް ފިޒިކަލީ ހާޒުރުވާން ޖެހޭތީ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަތޮޅު ކައުންސިލަކީ ވެސް ސައިޒުން ކުޑަ، އޭގެ މަންފާ އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދެވޭ ކައުންސިލަކަށް ހަދަން މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާާޅުވިއެވެ.

ގާނޫނުތަކުން މިނިވަން ކޮމިޝަންތައް ވެސް އުފައްދާފައި ވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ކޮމިޝަންތަކުގައި ތިބެން ގާނޫނުން ކަނޑައަޅާފައިވާ އަދަދު މަދުކުރަން ވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"އެއް ޒާތެއްގެ މަސައްކަތް ކުރާ ކޮމިޝަންތައް އެއްކޮށްލާ، އެ ކޮމިޝަންތަކުން ކުރާ މަސައްކަތް ސްޓްރީމްލައިން ކުރެވި ސީދާ ރައްޔިތުންނަށް ފައިދާވާ ގޮތަށް އޭގެ އެފިޝިއަންސީ، އޭގެން ނުކުންނަ ނަތީޖާ ރައްޔިތުން އެދޭގޮތަށް ނެރުމުގެ ގާބިލްކަން އިތުރުކޮށްދީ، މިދެންނެވި ގޮތަށް އެއް ޒާތެއްގެ މަސައްކަތް ކުރާ ބޮޑީތައް އެއްކޮށްލުމަކީ ވެސް މިކަމުގެ ތެރެއިން ކުރެވޭނެ ކަމެއް،" ރައީސް ވިދާާޅުވިއެވެ.

މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރުމަށް ރައީސް ތާއީދު ކުރެއްވި އިރު، މެމްބަރުންގެ އަދަދު މަދުކުރުމަށް ގޮވާލާ ޕީއެންސީން ވަނީ ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.

comment ކޮމެންޓް