ރައީސްގެ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ގައުމީ ކަމެއް: ޕީއެންސީ

ޕީއެންސީ ކޯލިޝަން: އެ ކޯލިޝަނުން ބުނީ ރައީސްގެ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ގައުމީ ކަމެއް ކަމަށް -- ފޮޓޯ/ އެލީޒް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މިއަދު ބުނެފިއެވެ.

ގައުމުގެ މާލީ ހާލަތާއި އިގުތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ މި ވަގުތު 'ވައްޓާލާފައިވާ' އިގުތިސާދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރައީސް މުޢިއްޒު އަޅުއްވަން ނިންމަވާ މުހިންމު ފިޔަވަޅުތަކަށް އެ ކޯލިޝަނުން މަރުހަބާ ކިޔާ ކަމަށެވެ.

އަދި، އެ މަނިކުފާނު އަޅުއްވަން ނިންމަވާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ރައްޔިތުންނަށް އޭގެން މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ގަބޫލުކުރަން،ޕީއެންސީ/ ޕީޕީއެމް

އެ ކަމުގައި ރައީސް މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީން ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ވެސް ވަނީ އަރުވައިފައެވެ.

ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ވެސް ރައީސް ވަނީ އަންގަވައިފައެވެ.

https://sun.mv/193663

އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް އެރްދެމް ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައި އޮތް މާލީ ގޮންޖެހުންތަކަކީ އެއް އަހަރުން ދެ އަހަރުން ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ފާއިތުވި 10 އަހަރު ދަރަނި އިތުރުވުމާއި ބަޖެޓު ޑެފިސިޓާއި ކަރަންޓު އެކައުންޓް ޑެފިސިޓް އިތުރުވަމުންދިއުމުގެ ނަތީޖާ ކަމަށެވެ. އެހެންވެ، ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް